ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓު ކާޑުތަކުން ބައެއް ވެބްސައިޓުތަކުން ވިޔަފާރިކުރާއިރު %30 ގެ ފީއެއް ނެގުމަށް ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރެވެ. މި މައްސަލަ ބަލައިގަންނަން 11 މެންބަރަކު ވޯޓު ދެއްވިއިރު، މައްސަލަ ބަލައިނުގަންނަން ވޯޓު ދެއްވީ 29 މެންބަރެކެވެ.
މަޢުރޫފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޖުލައި 1 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރު ލިމިޓު ކުޑަކުރުމާއި، ނަގުދު ފައިސާ ނަގަން ކުރާ ޓްރާންސެކްޝަންތަކަށް 10 ޑޮލަރުގެ އޭޓީއެމް ޗާޖެއް ނެގުމާއި، ދިވެހީންގެ ތެރޭގައި ވިޔަފާރިކުރަން މަޤުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 އިންސައްތައިގެ ފީއެއް ނެގުމުމަށް ނިންމި ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މީގެ އިތުރުން، ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ގޮތުން ބެރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުޢާމަލާތް ކުރުމުގެ އުސޫލުތަކަށް ގެންނަމުންދާ މިފަދަ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެ ކަމަށް ބެލެވޭ ކަމަށާއި، މިކަންކަމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަންކަން ކަމުގައިވެސް މައްސަލައިގައި މަޢުރޫފް ވަނީ ފަހަގަކުރައްވައިފައެވެ.
އަދި، މިކަމުގެ ސަބބަުން މުދަލާއި ޚިދުމަތުގެ އަގުތައް އިންތިހާއަށް އުފުލުމާއި، ޑޮލަރު ނުލިބުމުގެ ސަބބަުން ބައެއް މުދާ އިމްޕޯޓުކުރުން ވިޔަފާރިވެރިން ހުއްޓައިލާންޖެހި، ރާއްޖެއިން ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އިތުރަށް އަގުބޮޑުވުން ނުވަތަ ލިބުން ދަތިވުން ނުވަތަ ބައެއް ތަކެތި ހުސްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، މިއީ ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް ޮއތް ކަމެއް ކަމަށް ވެފައި، މުޖުތަމަޢުގެ އާންމު މަޞްލަޙަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށްވުމާއެކު، މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމުގެ ގޮތުން މި ކަމާމެދު ބަހުސް ކުރެއްވުމަށް މަޢުރޫފް ހުށަހެޅުއްވި އެވެ.
މި ލިޔުން ކިޔާލުމުން