ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ލ. ގަމުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ގެ ނަމުގައި ހަރަކާތެއް ބާއްވައިފިއެވެ.
" ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ގެ ނަމުގައި ކުރިޔަށްގެންދިޔަ މި ފެސްޓިވަލްގެ ސްޓޯލްތައް ބައްލަވާލެއްވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވެސް ވަނީ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާފައެވެ.
އިއްޔެ ހަވީރު 15:00 އިން 18:30 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ތިމާވެއްޓާއިބެހޭ ވުޒާރާގެ އިތުރުން، ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ވަނީ ބައިވެރިވެފައެވެ.
މި ފެސްޓިވަލް ބާއްވާފައިވަނީ އިންޓަރެކްޓިވް މައުރަޒުތަކާއި، މުޖުތަމަޢު ބައިވެރިކޮށްގެން، ޕްލާސްޓިކްގެ ނުރައްކަލުން ތިމާވެށި ސަލާމަތްކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުންނެވެ.
މި ފެސްޓިވަލްގައި، ޒަމާނީ ފަންނުވެރިކަން ބޭނުންކޮށްފައިވާ އިންޓަރެކްޓިވް މައުރަޒުތަކުގެ ތެރެއިން، ޕްލާސްޓިކްގެ ބޭނުން ކުޑަކުރުމުގެ މުހިންމުކަމާއި، އެކި ބާވަތްބާވަތުގެ ޕްލާސްޓިކް ރީސައިކަލްކުރުމުގެ ފުރުސަތުތައް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން، ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވިދާނެ ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ވެސް މި ފެސްޓިވަލުން ވަނީ ފެނިގެން ގޮސްފައެވެ. މުޖުތަމަޢުގެ އެކި ފެންވަރުގެ މީހުންނަށް އަމާޒުކޮށްގެން ބޭއްވުނު މި ހަރަކާތްތަކުގެ ތެރެއިން، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޕްލާސްޓިކްގެ މައްސަލަތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ލިބިފައިވެއެވެ.
މި ފެސްޓިވަލަކީ، ދެމެހެއްޓެނިވި، ޕްލާސްޓިކް ނެތް މުސްތަޤްބަލެއް ބިނާކުރުމަށް ސަރުކާރުން އަޅުއްވާ ވަރުގަދަ އަޒުމާއި، މުޖުތަމަޢު ބާރުވެރިކުރުމަށް ދެއްވާ ސަމާލުކަން ދައްކުވައިދޭ ހެއްކެކެވެ. ޕްލާސްޓިކްގެ މައްސަލައަކީ އެކަނި މީހަކަށް ހައްލުކުރެވޭނެ މައްސަލައެއް ނޫން ކަމަށް މި ފެސްޓިވަލުން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން، ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، ކޮންމެ ފަރުދަކު ވެސް އަދި ކޮންމެ އިދާރާއަކުން ވެސް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މި ފެސްޓިވަލުން އިތުރަށް ހާމަކޮށްދެއެވެ. އެކުގައި މަސައްކަތްކޮށްގެން ނޫނީ، ތިމާވެއްޓަށް ހެޔޮގޮތްތައް ނުހޯދޭނެ ކަމަށް މި ފެސްޓިވަލުން ވަނީ ބާރުއަޅާފައެވެ.
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުންވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.
ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާ އޮތީ ރޭ ލ. ގަމުގައެވެ.
މި ލިޔުން ކިޔާލުމުން