މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދި މީހުންގެ ތެރެއިން 82 އިންސައްތަ މީހުންގެ މައްސަލަ އަލުން ކޯޓަށް ހުށަނޭޅޭ ކަމަށް ޑްރަގް ކޯޓުން ހާމަކޮށްފި އެވެ.
އިއްޔެ އަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހެވެ.
ޑްރަގް ކޯޓުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކޯޓު އުފެދުނީއްސުރެ މިހާތަނަށް 11,700 އަށްވުރެ ގިނަ މައްސަލަ ކޯޓަށް ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން 94 އިންސައްތަ މައްސަލަތަކުގައި ހިމެނެނީ ފިރިހެނުންނެވެ. 3 އިންސައްތަ މައްސަލަތަކުގައި އަންހެނުން ހިމެނޭއިރު، 2 އިންސައްތަ މައްސަލަތަކުގައި ކުޑަކުދިން ހިމެނެއެވެ.
މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދިޔަ 5,148 މައްސަލައެއްގައި، ފަރުވާ ނިމުމުން ފަހުގެ ޙުކުމް ކޮށްފައިވެއެވެ. އަދި ފަހުގެ ޙުކުމްކުރި ފަހުން 946 މީހެއްގެ މައްސަލަ އަލުން ކޯޓަށް ހުށަހެޅިފައިވާކަން ވެސް ތަފާސް ހިސާބުތަކުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް 4,202 މީހުން ނުވަތަ 82 އިންސައްތަ މީހުންނަށް ފަހުގެ ޙުކުމްކުރި ފަހުން އެ މީހުންގެ މައްސަލަ ކޯޓަށް ހުށަހެޅިފައި ނުވާކަންވެސް މި ތަފާސްހިސާބުތަކުން އެނގެއެވެ.
ފަރުވާއިން ވަކިކޮށް ޖަލު ޙުކުމް ތަންފީޛުކުރުމަށް ޑްރަގް ކޯޓުން މިހާތަނަށް ވަނީ 2,389 މީހެއްގެ މައްސަލައިގައި އަމުރުކޮށްފައެވެ. ޖަލަށް ޙުކުމްކުރެވުނު 498 މީހުންގެ މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅިއިރު، އެ އެންމެންނަކީވެސް އެ ކޯޓުން ޖަލު ޙުކުމް ތަންފީޛުކޮށް ނިމުނު ފަހުން އަލުން މަސްތުވާތަކެތި ބޭނުންކޮށްގެން އަނެއްކާވެސް ދައުވާ ކުރެވުނު މީހުން ކަމަށް ރިޕޯޓުން ދައްކައެވެ.
31 ޑިސެމްބަރ 2011 ގައި ތަސްދީގުކުރެވުނު މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ޑްރަގް ކޯޓު އުފެދުނު ފަހުން 13 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޑްރަގް ކޯޓަށް މިހާތަނަށް 11700 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައި 94 އިންސައްތަ ފިރިހެނުން، 3 އިންސައްތަ އަންހެނުން އަދި 2 އިންސައްތަ ކުޑަކުދިންގެ މައްސަލަ ހިމެނެވެ.
މި ލިޔުން ކިޔާލުމުން