ދިވެހި ފުޓްބޯޅައަށާއި ކުޅިވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި އަލްމަރްހޫމު އިހުސާން އަބުދުލް ޣަނީ (ސާންތީ ކޯޗު) ގެ ހަނދާނުގައި، ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސް.ވީ.އޭ.އެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މައިލޯ ސްވޭމް ޖޫނިއަރސް 8 އަހަރުން ދަށުގެ ފުޓްބޯޅަ ފިއެސްޓާ ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވީ، ގިނަ ބަޔަކު ސާންތީ ކޯޗު ސިފަކުރަނީ ފުޓްބޯޅައިގެ ޚިދުމަތްތެރިއެއްގެ ގޮތުގައި ކަމަށްވިޔަސް، ސާންތީ ކޯޗަކީ ގައުމީ ޚިދުމަތްތެރިއެއް ކަމަށެވެ.
ކުޅިވަރާ ބެހޭ ވަޒީރުގެ ނަންފުޅުގައާއި ކުޅިވަރުގެ އެންމެހާ ފަރާތްތަކުގެ ނަމުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަނަށް ޝުކުރު އަދާކުރައްވަމުން ޠަލާލް ވިދާޅުވީ، ސާންތީ ކޯޗުގެ ހަނދާނުގައި ތުއްތު ކުދިންގެ ފުޓްބޯޅަ މުބާރާތެއް އިންތިޒާމުކުރުމުގެ ވިސްނުން ގެންގުޅުއްވައި، މި މުބާރާތް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ ބުރަ މަސްއޫލިއްޔަތު އުފުލިކަމަށްޓަކައި ސޮކަރ ވެޓެރަންސްގެ ރައީސްއަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.
ޠަލާލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ސާންތީ ކޯޗު ޚިދުމަތްކޮށްދެއްވީ ހަމައެކަނި ފުޓްބޯޅައަށް ނޫނެވެ. އޭނާއަކީ ކުޅިވަރަށް ޚިދުމަތް ކުރެއްވި "ރިޕްލޭސް" ނުކުރެވޭ ވަރުގެ ޚިދުމަތްތެރިއެއް ކަމަށެވެ. "ސާންތީ ކޯޗު ރިޕްލޭސް އެއް ނުކުރެވޭނެ. އެއީ އެއަށްވުރެ މާ ބޮޑު މާ އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް. ކުޅިވަރުގެ ކުރިއެރުވުމަށް ގައުމު އެބޭފުޅަކަށް ގޮވާލައިފިނަމަ ނޫނެކޭ ނުބުނާ ބޭފުޅެއް. ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ވަރަށް ބޮޑު ބައިވެރިއެއް. ފުޓްބޯޅައިން ހޯދި ކޮންމެ ރަން މެޑަލްއެއްގެ ހިއްސާދާރެއް،" ސާންތީ ކޯޗު ސިފަކޮށްދެއްވަމުން ޠަލާލް ވިދާޅުވިއެވެ.
މަލްޓި ސްޕޯޓްސް ގޭމެއްގައި އެންމެ ފުރަތަމަ ރާއްޖެއަށް ރަން މެޑެލް ހޯދައިދިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރީޔޫނިއަންގައި ބޭއްވިއިރު، އޭރުގެ ޗެޕް ޑި މިޝަން އަކީ ސާންތީ ކޯޗުކަން ޠަލާލް ފާހަގަކުރެއްވިއެވެ. އެ މުބާރާތުގައިވެސް ސާންތީ ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކަމަށާއި، އޭރު ސާންތީ ކޯޗާއި ވަރަށް ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ. ރާއްޖެއިން އެ މުބާރާތަށް ތައްޔާރުވާން ފެށިއިރުން ފެށިގެން ގޮސް މުބާރާތް ނިންމައި، މާލެ އައުމާ ހަމައަށް އެދޭ އެއްވެސް ކަމެއްގައި ސާންތީ ކޯޗު ނޫނެކޭ ބުނެފައިނުވާ ކަމަށް ޠަލާލް ހާމަކުރެއްވިއެވެ.
އެހެންކަމުން ސާންތި ކޯޗުގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށް ޠަލާލް ވިދާޅުވަމުން ވާހަކަފުޅު ނިންމަވާލެއްވިއެވެ. މި މުބާރާތް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްސަދަކީ، ތުއްތު ކުދިންގެ މެދުގައި ފުޓްބޯޅަ ކުރިއެރުވުމާއި ސާންތީ ކޯޗު ކުޅިވަރަށް ކޮށްދެއްވި އަގުބޮޑު ޚިދުމަތްތައް ދިރާސާކޮށް، އެފަދަ ޚިދުމަތްތެރިންގެ ހަނދާން އާކުރުމެވެ.
މި ލިޔުން ކިޔާލުމުން