ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއި ދިނުމަށް ފެށި މަސައްކަތުގެ ދަށުން މިހާތަނަށް ދެ މީހުން ގައިގައި ޓެގް އަޅުވާފައި ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފިއެވެ. މީގެ އިތުރުން، އިތުރު ފަސް މީހުން ދޫކޮށްލުމާ މެދުގައި މިއަދު ގޮތެއް ނިންމާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދިނުމުގެ މަސައްކަތް ފެށީ އިއްޔެއެވެ. ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަނީ، އެ މީހުން މޮނިޓާ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށެވެ.
ޕީޖީ އޮފީހުން ބުނީ އިއްޔެގެ ނިޔަލަށް ދެ މީހުންނަށް ލުއި ދިން އިރު، އިތުރު ފަސް މީހެއްގެ ބަންދަށް ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށެވެ.
އެހެންނަމަވެސް، މި ނިޒާމުގެ ދަށުން ހުރިހާ ބާވަތެއްގެ ކުށްތަކަށް ލުއި ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައިނުވާ މީހުންގެ ތެރޭގައި އަންނަނިވި މައްސަލަތަކުގެ ބަންދުގައި ތިބި މީހުން ހިމެނެއެވެ.
- ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި
- މަރުގެ މައްސަލަތަކާއި
- ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި
މި ލިޔުން ކިޔާލުމުން