ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަނީ އެންމެ ފަހު މަރުހަލާގައި، ކުއްޖާގެ މަސްލަހަތަށް ބަލައި، އިތުރު އެއްވެސް ގޮތެއް ނެތް ހާލަތުގައި ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ސީނިއާ ލީގަލް ކައުންސިލާ އަލްއުސްތާޒާ އައިޝަތު އިފާދާ ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ މައުޟޫއު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިފާދާ ވިދާޅުވީ، ކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭކަން ދެނެގަނެވޭ ހިސާބުން އެޅޭ ފުރަތަމަ ފިޔަވަޅަކީ، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްޖާ ހުރި މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމާއި، އެ ކުއްޖާ އިތުރު އަނިޔާއަކަށް ނުހުށަހެޅޭނެކަން ކަށަވަރުކުރުން ކަމަށެވެ.
"ކުއްޖާ ހުރި މާހައުލަކީ ރައްކާތެރި މާހައުލެއް ނޫންނަމަ، އެތަނަކުން އެކުއްޖާ ވަކިކޮށް، އިލާގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަރާތަކާ އެކުއްޖާ ހަވާލުކުރެވޭނެ. އެހެންނަމަވެސް، އާއިލާގެ ތެރެއިން އެކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެއްވެސް ހާލަތެއް ނެތްނަމަ، މަސްލަހަތަށް ބެލުމަށްފަހު، ދައުލަތުގެ ބެލުމުގެ ދަށަށް އެކުއްޖާ ގެންނާނެ،" އިފާދާ ވިދާޅުވިއެވެ.
އިފާދާ އިތުރަށް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަނީ ކޯޓުން ރައްކާތެރިކަމުގެ އަމުރެއް ހޯދުމަށްފަހު ކަމަށާއި، މި އަމުރުގެ ދަށުން މައިންބަފައިންގެ ހައްގުތައް ބަދަލުވެގެންދަނީ ދައުލަތުގެ ބެލުމުގެ ދަށަށް ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެނައުމަށްފަހު، އާއިލާއާ އަލުން ގުޅުވައިދިނުމަށް މަސައްކަތްކުރާ ކަމަށާއި، މިގޮތުން އާއިލާ ބާރުވެރިކުރުވައި، ކުއްޖާ އަނބުރާ އާއިލާއަށް ދެވޭނެ މަގު ހޯދައިދިނުމަށް މަސައްކަތްކުރާކަން އިފާދާ ފާހަގަކުރެއްވިއެވެ. އަދި އާއިލާއާ އަލުން ގުޅުވައިނުދެވޭ ހާލަތްތަކުގައި، ފޯސްޓަރިން ނިޒާމުގެ ތެރެއިން އާއިލީ ލޯތްބާއި އަޅާލުން ލިބޭނެ ވެއްޓަކަށް ކުއްޖާ ގެންދިއުމަށް މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން