އިހަވަންދިއްޕޮޅުގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން ހޯދަމުންދާ ކާމިޔާބަކީ އެ ދާއިރާގެ މުސްތަގްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޝިމާދު ރޭ ބޭއްވި ޖަލްސާއެއްގައި ވިދާޅުވި ގޮތުގައި، މިހާތަނަށް ބަންކަރިން ހިދުމަތުން 124 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ. މި ފައިސާ ލިބިފައިވަނީ 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެންނެވެ.
ޝިމާދު އިތުރަށް ވިދާޅުވި ގޮތުގައި، އެސްޓީއޯއިން ދާދި ފަހުން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒްލައިނާއަށް ވެސް ބަންކަރިންގެ ހިދުމަތް ފޯރުކޮށްދީ، އެ ބޯޓަށް 1200 ޓަނުގެ ތެޔޮ ވިއްކާފައިވެއެވެ. މިކަމުން އެނގެނީ ބައިނަލްއަގްވާމީ ބޮޑެތި ޝިޕިންލައިނާސްތަކުގެ އިތުބާރު އެސްޓީއޯއަށް ލިބިފައިވާކަމެވެ.
މި މަޝްރޫއުން އެސްޓީއޯއިން ހޯދި ކާމިޔާބީއާ ގުޅިގެން ވަޒީރު ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން މި މުހހިއްމު ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ބާރު ސްޕީޑްގައި ކުރެވެމުންދާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ބަންކަރިންގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކާއެކު މުހިއްމު މަޝްވަރާތައްވެސް ކުރެވެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އިގްތިސާދު ޑައިވާސިފައި ކުރުމުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތް. މުޅީން އަލަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރީން އެސްޓީއޯއިން ފެށި މި މަސައްކަތުގައި ހޯދަމުންދާ ކާމިޔާބަކީ މި ސިނާއަތުގެ މުސްތަގްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް،" ސައީދު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯއިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. މި ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ ބަންކަރިންގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ކުރާ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެން 2023 ވަނަ އަހަރުގެ މާޗް މަހުގައެވެ.
މި ލިޔުން ކިޔާލުމުން