ކުލަބު ރޭސާސް އާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އާއި ޔުނިސެފް އަދި އެތުލެޓިކްސް އ އެސޯސިއޭޝަން ގުޅިގެން އިންތިޒާމުކޮށްގެން ބޭއްވި "ކިޑްސް އެތުލެޓިކްސް ޑޭ" މިއަދު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި އިވެންޓް ކުރިޔަށް ގެންދިޔައީ މިއަދު މެންދުރުފަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ. އިވެންޓް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ. 250 އެތުލީޓުންނާއެކު ކުރިޔަށް ގެންދިޔަ މި އިވެންޓްގައި ތުއްތު ކުދިން ޝައުގުވެރިވާ ކަހަލަ އެކި ކުޅިވަރުތައް ބޭއްވިއެވެ. އޭގެތެރޭގައި ދުވުމާމާއި، ބޯޅަ އެއްލުމާއި ބޯޅަ ހޮވުން އަދި ރިލޭ މެޗެއް ހިމެނެއެވެ.
އިވެންޓް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އެކަމަނާގެ އަރިހުގައި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލް އާއި ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު މުޞްޠަފާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެޑްވާޑް އަޑާއީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި އިވެންޓްގެ މަޤްޞަދަކީ ތުއްތު އުމުރުފުރާއިން ފެށިގެން ކުދިން ފީލްޑް ހަރަކާތްތަކަށް ނެރެ އެކުދިންގެ ހުނަރު ތަރައްޤީކުރުމަށް ހިތްވަރުދިނުމާއެކު ދުޅަހެޔޮ ސިއްޙަތެއްގައި ހެދި ބޮޑުވުމަށް އެކުދިންނަށް ބާރު އެޅުމެވެ.
"ހެލްތީ ކިޑްސް ފޯ ފިއުޗަރ" މި ޝިޢާރުގެ ދަށުން ކުރިޔަށް ގެންދިޔަ "ކިޑްސް އެތުލެޓިކްސް ޑޭ" އިވެންޓް ފައްޓފައްޓަވައިދެއްވަމުން ކުޅިވަރު ވަޒީރު ރާފިޢު ވަނީ، ތުއްތު ކުދިން ހެލިފެލިވެ އުޅުމަށް ބާރުއަޅާ ދުޅަހެޔޮ ސިއްޙަތެއްގައި ހެދިބޮޑުވުމަށް މިފަދަ ހަރަކާތްތަކަށް ބެލެނިވެރިންދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
"ކިޑްސް އެތުލެޓިކްސް ޑޭ 2025" އަކީ އުމުރުން 7 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ އިވެންޓެކެވެ.
މި ލިޔުން ކިޔާލުމުން