ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުގެ ހަތް ތަނެއް ބަލާ ފާސްކޮށް، މަސްތުވާތަކެއްޗާއި ލައްކެއްހާ ރުފިޔާއާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ވިދާޅުވެފައިވަނީ، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އަދި އޭގެ ކުރީ ދުވަހު ކަމަށެވެ. މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް ހަތް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ޅ. ކުރެންދޫ، ހދ. ނޮޅިވަރަންފަރު، ސ. ފޭދޫ، ފ. ދަރަނބޫދޫ އަދި އއ. ތޮއްޑޫއަށް ނިސްބަތްވާ ހަ މީހުންނެވެ. މި މީހުންގެ އުމުރުތައް ހުރީ 18 އަހަރާއި 28 އަހަރާ ދެމެދުގައެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި އޮޕަރޭޝަނުގައި ހެރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، "މޫންޝައިން" ކެނަބިސް ބުއިންތަކާއި ފްލޭވަރ ކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވެއެވެ. އަދި 90،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން ހަ މޯބައިލް ފޯނާއި ދެ ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން