މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް، ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވި އެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ދެ ވަޒީރުންވެސް އެއްބަސްވެވަޑައިގެންނެވި އެވެ.
ބައްދަލުކުރެއްވުމުގައި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްޙީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ޚާއްޞަ މަޝްވަރާތަކެއް ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކުވޭތު ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޑރ. ޚަލީލް ޝުކުރު އަދާކުރެއްވި އެވެ. ޚާއްޞަކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓުން ދެއްވާ އެހީތެރިކަމާއި، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވި އެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް އުންމީދުކުރައްވާ ކަމަށް ޑރ. ޚަލީލް ވިދާޅުވެފައިވެ އެވެ.
މި ލިޔުން ކިޔާލުމުން