ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާޢީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެއް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.
"ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތް ކުރުން" ގެ ނަމުގައި ފަށާފައިވާ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މަހަކު އެއްފަހަރު ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، "މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ އިޖްތިމާޢީ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމްކަމަށެވެ. މިއާއެކު ދާންމަތިވެފައިވާ މީހުންނާއި އެމީހުންގެ ޢާއިލާތަކަށް ލިބެންޖެހޭ އިޖްތިމާޢީ އެހީތެރިކަން ދެނެގަނެވި، ބޭނުންވާ އެހީތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ" ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، "މި ޕްރޮގްރާމްގެ ބޭނުމަކީ މިފަދަ ޢާއިލާތަކުގައި އިސްރަށްވެހިން ދާންމަތިވެފައި ތިބޭއިރު އެމީހުންނަށް ބޭނުންވާ ތަފާތު އިޖްތިމާޢީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެމީހުންނަކީވެސް މުޖްތަމަޢުގައި ޝާމިލްވެގެން އުޅޭ ބަޔަކަށް ހެދުން" ކަމަށެވެ.
މި ޕްރޮގްރާމްގައި އިސްރަށްވެހިންނާއެކު ޒުވާން އުމުރުފުރާގެ ކުދިންވެސް ބައިވެރިވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ ޙާލަތު ގާތުން ދެނެގަތުމަށް "ހާލު ކިހިނެއް" ނަމުގައި ޚާއްސަ ޕްރޮގްރާމެއް ސަރުކާރުން ކުރިން ފަށައިގެން މިހާރުވެސް ކުރިއަށްގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ
މި ލިޔުން ކިޔާލުމުން