ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެރެއިން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ބަލަމުންދާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވެސް ސިއްރުކޮށްފިއެވެ.
މިއަދުގެ ބައްދަލުވުން ފެށުމުގެ ކުރިން ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، މިއަދުގެ ބައްދަލުވުމުގައި ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބޭފުޅުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާތީ، އެ ކޮމިޝަނުން އެދިވަޑައިގަތުމުގެ މަތިން ބައްދަލުވުން ކުރިއަށް ގެންދާނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.
މި މައްސަލައިގެ ތަހުގީގު ރިޕޯޓު ކޮމިޓީން ނިންމުމުގެ ކުރިން، ޕޮލްކޯގެ ކުރީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރުމަށް ވަނީ މިއަދުގެ ބައްދަލުވުމުގައި ހަމަޖެހިފައެވެ. މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށް ޕޮލްކޯގެ އިސްބޭފުޅެއް ކަމަށްވާ އަބްދުލްމަންނާނު ޔޫސުފާއި ޕޮލްކޯގެ ފުރަތަމަ ދެ ދައުރުގެ ހަޒާންދާރު ނަހުޝާދު ސާނީ ހާޒިރުކުރިއެވެ.
މުގައްރިރު އަހުމަދު ނާޒިމް ފާހަގަކުރެއްވި ގޮތުގައި މި މައްސަލަތައް ކޮމިޓީން ކުރިއަށް ގެންދަނީ އޭސީސީއާ ގުޅިގެންނެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ވެސް އޭސީސީން އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުން ވެސް އޭސީސީގެ ބޭފުޅުންގެ އެދިވަޑައިގަތުމުގެ މަތިން ވަނީ ސިއްރު ބައްދަލުވުމަކަށް ބަދަލުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން