މިއަހަރުގެ ތެރޭގައި ރާއްޖޭގެ 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ހާމަ ކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުން މައުލޫމާތު ދޭ ގޮތުގައި، މިވަގުތު މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްލަ 85 ރަށެއްގެ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ. މީގެ ތެރެއިން 57 ރަށެއްގެ ޕޮލިސް ސްޓޭޝަންތައް މިއަހަރު ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 681,501,117.51 ރުފިޔާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މީގެ ކުރިން ވިދާޅުވެފައިވަނީ، 2027 ވަނަ އަހަރުގެ ކުރިން ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްތަކުގައިވެސް ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުމަށް އަމާޒުހިފާފައިވާ ކަމަށެވެ.
އިތުރުން، ވަޒީރު ވިދާޅުވެފައިވަނީ ބައެއް ރަށްރަށުގައި ކުއްޔަށް ތަންތަން ހިފައިގެން ޕޮލިސް ސްޓޭޝަންތައް މިހާރުވެސް ހިންގަމުންދާ ކަމަށާއި، އެފަދަ ރަށްރަށުގައި ސަރުކާރުން ޕޮލިސް ސްޓޭޝަންތައް ތަރައްޤީކުރާނީ، މިހާރު ޕޮލިސް ސްޓޭޝަންތައް ނެތް ރަށްރަށުގައި އެ ޚިދުމަތް ފެށުމަށްފަހު ކަމަށެވެ.
މި ލިޔުން ކިޔާލުމުން