ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނޫންކަމަށާއި، އެއީ ކޮންމެ ރައްޔިތެއްގެ ހައްޤުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިއަހަރުގެ ފޯރަމްގެ މައުޟޫޢު ކަމުގައިވާ "ސްޓްރެންތެނިންގ އިންޓެގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" އަކީ މިއަދުގެ ޙާލަތާ ގުޅޭ މައުޟޫޢެއް ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންވެސްޓަރުންގެ އިތުބާރާއި ރައްޔިތުންގެ އިތުބާރު ހޯދުމަށް ނަޒާހަތްތެރިކަމާއެކު ފަތުރުވެރިކަމުގެ ދާއިރާ ހިންގުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމަކީ ސެކްޓަރުގެ ދެމެހެއްޓެނިވިކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމުގެ ރިވެތި ނަން ދެމެހެއްޓުމަށް މުހިންމު ކަންކަން ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީޖާދީ ވިސްނުމާއި ޤާބިލުކަން އިތުރުކުރުމުގައި ސަރުކާރުތަކާއި، އަމިއްލަ ސެކްޓަރު، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަޤްވާމީ އިދާރާތަކުގެ ދައުރު މުހިންމެވެ. މިގޮތުން ހަރުދަނާ ސިޔާސަތުތަކާއި، މޮނިޓަރކޮށް ތަންފީޒުކުރުމާއި، ޤަވާއިދުން އިވެލުއޭޓްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ވިސްލްބްލޯވަރުން ބާރުވެރިކޮށް، އެފަރާތްތަކަށް ޤާނޫނީ ހިމާޔަތް ދިނުމަށާއި، ނަޒާހަތްތެރިކަމަކީ އިސްތިސްނާއެއް ނޫން މިންގަނޑަކަށް ހެދުމަށް ގޮވާލައްވާފައެވެ. އަދި އެންޓި-ކޮރަޕްޝަން އިދާރާތަކަކީ މިނިވަންވެ، އަމިއްލަ އިސްނެގުމާއެކު، ސިޔާސީ ތަޢައްސަބުން އެއްކިބާވެފައިވާ އިދާރާތަކަށް ވާންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ އޯވަސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީގެ ރައީސް، ހިޒް އެކްސެލެންސީ މާޒިން ބިން އިބްރާހީމް އަލް-ޚަމޫސް ވަނީ ދެޤައުމުގެ ގުޅުން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ އެންޓި-ކޮރަޕްޝަން އިދާރާތަކަށް އަމާޒުކޮށްގެން ހިންގާ މި ފޯރަމްގައި 180 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ
މި ލިޔުން ކިޔާލުމުން