ގދ. ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން އިއުލާނުކުރެއްވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ދެ ރަށް ގުޅާލުމަށް ބްރިޖެއް އެޅުމަށް ނިންމައި، އެ މަޝްރޫޢުގެ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. "ތިނަދޫގެ ބަދަލުގައި ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް، މުޅިން އައު އެއަރޕޯޓެއް ގޮތަށް ޑިވެލޮޕްކުރުމާ އެއްކޮށް، ބްރިޖަކުން ތިނަދޫއާ ގުޅުވާލުން އެއީ އަސްލު އަޅުގަނޑު ވީ ވައުދަކީވެސް" ކަމަށް ރައީސް ވިދާޅުވިއެވެ.
މި ނިންމެވުމަކީ ކުރިން ސަރުކާރުން އިޢުލާންކޮށްފައިވާ ތިނަދޫ ފަޅުން ބައެއް ހިއްކައިގެން އެއަރޕޯޓެއް އެޅުމުގެ މަޝްރޫޢުއަށް އައި ބަދަލެކެވެ. އެ މަޝްރޫޢުގެ އެއްބަސްވުމުގައި ތައިލެންޑުގެ ކުންފުންޏަކާއެކު މިދިޔަ އަހަރު ވަނީ ސޮއިކޮށްފައެވެ.
ރާއްޖޭގެ އެހެނިހެން އެއަރޕޯޓްތަކުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިމޭނެކަމަށާއި، ފުވައްމުލަކު އެއަރޕޯޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން