ހުޅުމާލޭގައި، މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވުނެ ކަމަށާއި، އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައިވާ ކަމަށެވެ.
މިގޮތުން މި މައުލޫމާތާ ގުޅިގެން ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން މި ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނިފައިވާ ކަމަށާއި، މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް، ބަމްޕަރުތަކަށްވެސް އަދި ގޯޅި އަޅާއިރުވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދަތުރު ކުރަމުން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިގޮތަށް ދުއްވަމުންގޮސް ކާރު މަޑުކޮށްފައިވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށެވެ. އަދި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވާލަން އުޅެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، ހައްޔަރުކޮށްފައިވާ ހމ. ފްލެޓް ނަންބަރު 07-1-4 / މާލެ، މުޙައްމަދު މާއިސް (23އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި ކާރު ހުއްޓުވި އިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތެވެ. ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިން ކަމަށާއި، އިތުރު ގެއްލުންވެސް ކާރަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، ކާރު ޓޯވ ކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މި ލިޔުން ކިޔާލުމުން