މާލޭގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ އާ މަސްމާރުކޭޓު އެޅުމުގެ މަޝްރޫޢު އަންނަ ޖުލައި މަހު ފެށޭނެކަމުގެ ޔަޤީންކަން މާލެ ސިޓީ ކައުންސިލުން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މާލޭ މަސްމާރުކޭޓުގެ މަސައްކަތަކީ އެމަނިކުފާނު މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވިއިރު ކުރަން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އޭރު އެ މަސައްކަތް ފެށިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުން އެކަމަށް ދޭންޖެހޭ ހުރިހައި އެއްބާރުލުމެއް ދީގެން އިރާދަކުރެއްވިއްޔާ ސިޓީ ކައުންސިލް ލައްވާ ބޭނުންވަނީ އޭރު ސޮއިކުރިގޮތަށް، ކައުންސިލް ކްލައެންޓް ގޮތުގައި ބާއްވައިގެން ކުރިޔަށްގެންދަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެންމެ ޒަމާނީ ފެންވަރަށް ހަތަރު ބުރިޔަށް އިމާރާތްކުރުމަށް ނިންމާފައިވާ މާލޭ އާ މަސްމާރުކޭޓު އިމާރާތުގެ އެންމެ ތިރީ ބައި ޚާއްޞަކޮށްފައިވަނީ މަސްމާރުކޭޓަށެވެ. ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާ ޚާއްޞަކުރެވިފައިވަނީ ކާބޯތަކެތި ވިއްކާ ފަރާތްތަކަށެވެ. އަދި އެންމެ މަތީ ބައިގައި އެހެން ވިޔަފާރިތަކަށްވެސް ފުރުޞަތު ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން