ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނާއި އަބްދުއްރަހީމްއާ ދެމެދު މައްސަލައެއް ޖެހިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
"އަބްދުއްރަހީމާއި އަޅުގަނޑަކާ އެއްވެސް މައްސަލައެއް ނެތް. އަބްދުއްރަހީމަކީ އަޅުގަނޑާއި އޭރުވެސް މިހާރުވެސް ރަހްމަތްތެރި ދެ މީހުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، ކުރިން އޮތް ފަދައިން މިހާރުވެސް އަބްދުއްރަހީމްއާ އެކު ރަހްމަތްތެރިކަމުގެ ގުޅުން އޮތް ކަމަށް އިތުރަށް ވިދާޅުވެފައެވެ.
އަދި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމަށް ނިންމެވީ އެވަގުތަށް އެންމެ ރަނގަޅު ނިންމެވުން ކަމުގައި ދެކެވަޑައިގަންނަވާތީ ކަމަށްވެސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ ގުޅިގެން ރައީސް މުއިއްޒާއި އަބްދުއްރަހީމްއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމުގެ ވާހަކަތަކެއް ވަނީ އެކި ފަރާތްތަކުން ދެކެވިފައެވެ.
މި ލިޔުން ކިޔާލުމުން