ވަޤުފު އިންވެސްޓްމަންޓް ދާއިރާގެ ތެރެއިން ސަރުކާރުން ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ކީރިތި ޤުރުއާނާބެހޭ ޚާއްޞަ ވަޤުފު އިމާރާތެއް އަޅަން ބިން ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއްދޭ ތަފާތު އެއް ދާއިރާއަކީ ދީނީ ދާއިރާގެ ތެރެއިން ވަޤުފު އިންވެސްޓްމަންޓުގެ ދާއިރާ ކަމަށެވެ. މި ދާއިރާއިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކަކީ ދުރު އަދި މެދު ރާސްތާއަށް ވެސް ވަރަށް މުހިއްމު މަޝްރޫޢުތަކެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި، ކީރިތި ޤުރުއާނާބެހޭ ޚާއްޞަ ވަޤުފު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ކައިރީގައި އޮންނަ ހުސް ބިމުގައެވެ. މި މަޝްރޫޢަށް 10،000 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، ހުޅުމާލެ ފޭސް އެކެއްގައި "ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް" އާއި މާލޭގައި "ދާރުލްއަރްޤަމް" އިމާރާތް އެޅުމުގެ މަޝްރޫޢު މިހާރު ވަނީ ޕްރީ ޓެންޑަރިންގ މަރުހަލާގައެވެ.
"މި ތިން ވަޤުފު އިމާރާތް އެޅުނީމަ އެ ލިބޭ އާމްދަނީގެ ތެރެއިން އިސްލާމީ އެކި ކަންކަމަށް ޚަރަދުކުރަން ކޮންމެ އަހަރަކު ބަޖެޓް ތެރެއިން ނުނަގާ އެ ލިބޭ އާމްދަނީގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރެވިގެންދާނެ. ދީނީ ހޭލުންތެރިކަން އިތުރުކުރުން އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުން. މިހެން ގޮސް އެކި ކަންކަމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން