ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަ އެކޮމޮޑޭޝަން ފެސިލިޓީތައް ގާއިމުކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "އެތަކެއް ފަހަރުމަތިން ބޭރުގެ ފަރާތްތަކުން ފާހަގަކޮށްފައި އޮތް ކަމެއް، ރާއްޖޭގައި ބިދޭސީން ގެންގުޅެނީ އެކަށީގެންވާ ތަންތާގައި ނޫންކަން" ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ބައެއް ދާއިރާތަކަކީ ހަމައެކަނި ދިވެހިންނަށް މަސައްކަތްކުރުމަށް ޚާއްސަ ދާއިރާތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ގިނަ ވަޒީފާތައް ހިމެނޭކަމަށާއި، މިކަން މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ 3 އަހަރުގެ މުއްދަތެއް ކަނޑައަޅާފައެވެ. މި މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ މަސައްކަތްތެރިން ގެންގުޅޭ ތަންތަނަށް އަމާޒުކޮށްގެން ޤަވާއިދުން ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
މީގެއިތުރުން، މިދިޔަ އަހަރުން ފެށިގެން ބިދޭސީން ޤާނޫނާއި ޤަވާއިދުގެ ތެރެއަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކަކީ ހިތްހަމަޖެހޭ ފަދا މަސައްކަތްތަކެއް ކަމަށް ވަޒީރު އިޙްސާން ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން