މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓިއޭ) އިން ގޮވާލައިފިއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެމްޓިއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަސައްކަތްތެރިންނަކީ ޤައުމެއްގެ އިޤުތިޞާދީ ކުރިއެރުމާއި ތަރައްޤީގެ މައިގަނޑު ބިންގާ ކަމަށެވެ.
"ދިވެހިރާއްޖޭގެ އިޤުތިޞާދު ކުރިއަރުވައި ދިވެހި މުޖުތަމަޢު ބިނާކުރުމުގައި ދިވެހި މަސައްކަތްތެރިންގެ އަގުހުރި ޚިދުމަތާއި މިންނެތް މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ހައްޤު ޝުކުރު ދަންނަވަން. ހަމަ އެހެންމެ، ދިވެހިރާއްޖޭގެ އިޤުތިޞާދީ ދުވެލީގައި ބިދޭސީ މަސައްކަތްތެރިންވެސް އަދާކުރަމުންދާ ދައުރު ފާހަގަކޮށް، އެ ފަރާތްތަކަށްވެސް ޝުކުރު އަދާކުރަން"، އެމްޓިއޭގެ ބަޔާނުގައި ވެއެވެ.
އެމްޓީއޭ އިން ވަނީ ރާއްޖޭގެ އިޤުތިޞާދު އަލުން އާރާސްތުކޮށް ކުރިއެރުވުމުގައި މަސައްކަތްތެރިންގެ ދައުރުގެ މުހިންމުކަން ފާހަގަކޮށް، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުން މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް ގޮވާލައިފައެވެ.
މީގެ އިތުރުންވެސް އެމްޓިއޭ އިން ވަނީ މަސައްކަތްތެރިންނަށް ތިން ޙައްޤެއް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފައެވެ. އެއީ ހުރިހާ މަސައްކަތްތެރިންނަށް ސަލާމަތްތެރި މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދިނުމާއި، މަސައްކަތްތެރިންނަށް އިންސާފުވެރި އުޖޫރައެއް ލިބޭނެ ނިޒާމެއް ޤާއިމްކޮށްދިނުމުގެ އިތުރުން ރާއްޖޭގެ މަސައްކަތްތެރިންނަށް ދެމެހެއްޓެނިވި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.
އެމްޓީއޭ އިން ވަނީ ރާއްޖޭގެ އިޤުތިޞާދު ކުރިއެރުވުމުގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، ޤައުމުގެ ތަރައްޤީއަށްޓަކައި ހުރިހާ ފަރާތްތަކުން އެއްބާރުލުންދީ، އެކުގައި މަސައްކަތް ކުރުމަށްވެސް ގޮވާލައިފައެވެ.
މި ލިޔުން ކިޔާލުމުން