ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިއަދު ހެނދުނު އިސްރަށްވެހިންގެ ނާދީ ހޯލްގައި ބޭއްވުނު "އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ސައްލާއަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން ބޭއްވޭ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ. މި ސައްލާގައި މާލެ އަތޮޅު، އަރިއަތޮޅު އުތުރުބުރި، އަރިއަތޮޅު ދެކުނުބުރި، ފެލިދެއަތޮޅު، މުލަކަތޮޅު އަދި މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ޖުމްލަ 59 މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ސައްލާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކޮމިޓީތައް ބާރުވެރި ކުރުވުމެވެ. މި ގޮތުން، ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި މީގެ އިތުރުން، މާލީ ގޮތުން ކޮމިޓީތައް ބާރުވެރިކުރުމަށާއި އަންހެނުން ބާރުވެރި ކުރުމަށް ކޮމިޓީތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.
މި ސައްލާ ކުރިއަށްދާނީ މާރިޗު 29 އިން 30 އަށް މާލޭގައެވެ.
މި ލިޔުން ކިޔާލުމުން