މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ތުހުމަތުކުރެވޭ ރާއޫދު އަޙްމަދު ޒިލާލް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެޕްރީލް 18 ވަނަ ދުވަހު ހ. މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. އެރިއަދޫ، ރާއޫދު އަޙްމަދު ޒިލާލް (21 އ) މިއަދު 18:20 ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ރާއޫދާއި ފުރާޅު މައްޗަށް ވެއްޓުނު 21 އަހަރުގެ އަންހެން ކުއްޖާ ހިމެނޭހެން ޖުމުލަ ހަތް މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މާންދޫގެ ދެކުނުގެ ޓެރަހާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ތިންވަނަ ފަންގިފިލާ ބަލައިފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު ވިދާޅުވީ މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ 7:30 ހާއިރު އާންމު ފަރާތަކުން ކަމަށާއި، އެމްއެންޑީއެފްގެ އެހީއާއެކު އެ ކުއްޖާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ އެ ދުވަހު 08:00 ހާއިރު ކަމަށެވެ.
އަދި އެ ކުއްޖާއަކީ ކާކުކަން ދެނެގަނެ، އޭނާގެ ޢާއިލާއަށް ހާދިސާގެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، އެ ހާދިސާ ހިނގައިދިޔަ ގޮތް ހޯދުމުގެ މަސައްކަތް އެހިސާބުން ފަށައި، އެ ކުއްޖާ ވެއްޓުނު އިމާރާތުގެ ވެރިފަރާތާ ގުޅައިގެން ސީސީޓީވީ ފުޓޭޖު ހޯދި ކަމަށެވެ.
މީގެ އިތުރުން، ސީސީޓީވީ ފުޓޭޖު ބެލި ބެލުމުން، އެ އަންހެން ކުއްޖާއާއެކު ހުކުރު ދުވަހުގެ ފަތިހު އިތުރު މީހަކު އުޅުނުކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކުއްޖާއާއެކު އުޅުނީ ގ. އެރިޔަދޫ، ރާއޫދު އަޙްމަދު ޒިލާލް (21 އ) ކަން ދެނެގަނެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ރާއޫދާ ސުވާލުކުރުމުން އޭނާއާއެކު އިތުރު ހަތް މީހަކު އެރޭ މާލޭގެ އެހެން ދެ ގެއެއްގައި އެއްކޮށް އުޅުނުކަން އެނގިފައިވާ ކަމަށާއި، އެ އެންމެންގެ ބަޔާންވެސް ނަގައި ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ރާއޫދު ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން