މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާ ވެއްޓިފައިވަނީ އަމިއްލައަށް ކަމަށާއި، އެހެން މީހެއްގެ ސަބަބުން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ މި ހާދިސާއާ ގުޅޭ ސިީސީޓީވީ ފުޓޭޖުވެސް ދައްކައިފައެވެ. ނަމަވެސް މިއީ އާންމުކޮށް ހުޅުވާނުލައި ގެންދިޔަ ބައްދަލުވުމެއް ކަމަށްވާތީ، މި ނޫސްވެރިންގެ ބައްދަލުވުމުގެ އެއްވެސް މަންޒަރެއް އަދި އަޑެއް ރެކޯޑުކުރުން އޮތީ މަނާކޮށްފައެވެ.
ރޭގެ ބައްދަލުވުމުގައި ފުލުހުން ބުނީ އެ އަންހެން ކުއްޖާ ވެއްޓިފައިވަނީ އަމިއްލަ އަށް ކަމަށާއި، އޭނާ ހުރީ މަސްތުގައި ކަމަށް ބެލެވޭ ކަމަށެވެ. ފުލުހުން ދެއްކި ސީސީޓީވީ ފުޓޭޖުންވެސް އަންހެން ކުއްޖާ ހުރީ މަސްތުގައި ކަމަށް ބެލެވެއެވެ. މީގެ އިތުރުން އެ ކުއްޖާ ފުރާޅު މައްޗަށް ވެއްޓުނު ވަގުތު، އެ ރޭ އޭނާއާއެކު ހުރި ފިރިހެން މީހާ ހުރީ ގޭތެރެއިން ނިކުމެ ސިޑިމަތީގައި ކަމަށާއި، އެހެންކަމުން އެ ކުއްޖާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަޙުޤީޤަށް ޔަޤީންވެފައިވާ ކަމަށެވެ.
މާލޭގެ ހެންވޭރު ސަރަހައްދުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެޕްރީލް 18 ވަނަ ދުވަހުގެ ހެނދުނު 7:23 ގައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ވެއްޓިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ އަންހެން މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ގައެވެ. އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައިސް، އިއްޔެ ކުޑަކޮށް ހާލު ރަނގަޅުވުމުން ވެންޓިލޭޓަރުން ވަނީ ނަގައިފައެވެ. ނަމަވެސް އަދިވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މި ލިޔުން ކިޔާލުމުން