އެމަނިކުފާނަކީ އަބަދުވެސް ދުންފަތުގެ އިސްތިއުމާލް ކުރުމާ ދެކޮޅު ބޭފުޅެއްކަމަށާއި ވޭޕް މަނާ ކުރީ އެއްވެސް ހާލެއްގައި އާއިލީ މައްސަލައަކާ ހެދި ނޫން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
"ދެނޯ" ގެ އެއް ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރެއްވީ އާއިލާގެ ތެރޭގައި ހިނގި ކަމަކާ ގުޅިގެން ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވޭޕް މަނާ ކުރުމުގެ ވާހަކަ ވަރަށް ކުރީއްސުރެ ފަށައިގެން ދައްކަމުން އައި ކަމަށާއި އެމަނިކުފާނަކީ ދުންފަތުގެ އިސްތިއުމާލް ކުރުމާ ވަރަށް ދެކޮޅު ބޭފުޅެއް ކަމަށެވެ.
ރައީސް ވިދާޅުވީ ވޭޕް ބޭނުންކޮށްގެން ޑްރަގް ބޭނުންކުރުން އިތުރުވެ، ސްކޫލް ކުދިންނާއި ކުޑަކުދިންގެ މެދުގައި މިކަން ފެތުރެމުންދާތީ، ގިނަ ބެލެނިވެރިން މިކަމާ ކަންބޮޑުވެ ޕެޓިޝަން ހުށަހަޅާފައިވާ ކަށާއި އަދި އެގޮތަށް ޝަކުވާޕެޓިޝަން އައުމުން ދެންކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށްފަހު، މިކަން އިތުރަށް ނުފެތުރޭނެ ގޮތަށް ވޭޕް މަނާކުރަން ނިންމެވި ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ އާއިލާއާ ގުޅޭ ގޮތުން ދައްކަމުންގެންދާ ދޮގު ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ، އާއިލާގެ ނަން ބޭނުންކޮށްގެން މިފަދަ ގޮތަކަށް ވާހަކަދައްކާނަމަ ވަރަށް އުނދަގޫވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ދަރިންނަކީ އަހުލާގު ރަނގަޅު، ނަމާދުކުރާ ކުދިން ކަމަށާއި، މިފަދަ ދޮގު ވާހަކަތައް ދެއްކުމުން ހިތްދަތިވެ ދެރަވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. އަދި އެފަދަ ތަކެތި ބޭނުން ކުރާ ނަމަ، ބޮޑެތި އަދަދުތަކުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން