މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޞަލާޙުލް ބުދައިރު، މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައެވެ.
މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވުޒާރާގެ މަސައްކަތްތަކާއި، ވުޒާރާގެ ދަށުން މަސައްކަތްކުރާ އެކި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޝައިޚް ޞަލާޙުލް ބުދައިރަށް އަރުވާފައެވެ.
ޝައިޚް ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅަކީ ރަރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެރުވި ދަޢުވަތެއްގައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެކެވެ.
މީގެ އިތުރުން، ޝައިޚް ޞަލާޙުލް ބުދައިރު ވަނީ މިއަދު ހެނދުނު ރައީސް ޑރ މުއިއްޒާވެސް ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި ޝައިޚް ޞަލާޙުލް ބުދައިރު ރާއްޖޭގައި ހޭދަކުރައްވާ މުއްދަތުގައި އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި ލިޔުން ކިޔާލުމުން