މިއަހަރުގެ އޯލެވެލް އިމްތިޙާނު 7000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ. ތަޢުލީމީ ވުޒާރާއިން ދެއްވި މަޢުލޫމާތުގެ މަތިން، މުޅި ރާއްޖޭގެ 260 އިމްތިޙާނު މަރުކަޒެއްގައި މި އިމްތިޙާނު ކުރިއަށްދާނެއެވެ.
އިމްތިޙާނު ފެށުނު ފުރަތަމަ ދުވަހު އިސްލާމް އަދި ދިވެހި މާއްދާގެ ޕޭޕަރުތައް ކުރިއަށް ގެންދެވުނެވެ. އަދި މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ބައެއް މާއްދާތަކުގެ ޕްރެކްޓިކަލް ބައި ވަނީ ނިންމާލާފައެވެ.
ތަޢުލީމީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިޙާނުގައި ޖުމްލަ 7971 ދަރިވަރަކު ބައިވެރިވެފައިވެއެވެ. މީގެ ތެރެއިން އެސްއެސްސީ އިމްތިޙާނުގައި 7519 ދަރިވަރުން އަދި ކެމްބްރިޖް އޯލެވެލް އިމްތިޙާނުގައި 7666 ދަރިވަރުން ހިމެނެއެވެ.
2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ސަރުކާރުން ވަނީ އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ދަށުން، އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާ ހިމެނޭ މަޖުބޫރު ހަތަރު މާއްދާގެ އިމްތިޙާނުގައި ހުރިހާ ދަރިވަރުން ބައިވެރިވާންޖެހޭނެއެވެ. އަދި މި މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އާ އުސޫލުގެ ދަށުން، މޮކް އިމްތިޙާނުން ފާސްނުވި ނަމަވެސް، ކޮންމެ ދަރިވަރަކަށްވެސް އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެކެވެ. މިއީ ކުރީގެ އުސޫލާ ޚިލާފަށް ގެނެވުނު ބަދަލެކެވެ. ކުރިން އޮތް ގޮތުން، މަޖުބޫރު މާއްދާއިން މޮކް އިމްތިޙާނުގައި ފާސްނުވާ ދަރިވަރުން އަމިއްލައަށް ފައިސާ ދައްކަންޖެހެއެވެ.
މިއަހަރުގެ އޯލެވެލް އިމްތިޙާނު ނިމޭނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން