ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އަލަށް ފަށާ މާކެޓިންގ ކެމްޕެއިނެއްގެ ދަށުން، ދުބާއީގެ ޓެކްސީތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ފެންނާނެ ގޮތަށް އިސްތިހާރުކުރަން ނިންމައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ އެމްއެމްޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، މި މަހުގެ 28 ވަނަ ދުވަހު ދުބާއީގައި ފެށޭ އަަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) އާ ދިމާކޮށް، ދުބާއީގެ 100 ޓެކްސީއެއްގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތަށް އިސްތިހާރު ކުރާނެއެވެ.
އޭޓީއެމް ކުރިޔަށްދާނީ ހަތަރު ދުވަހުގެ މުއްދަތަކަށް ނަމަވެސް، ދުބާއީގެ ޓެކްސީތަކުގައި ރާއްރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތް އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާނެ ކަމަށް ޝިޢުރީ ހާމަކުރެއްވިއެވެ. މި އިސްތިހާރުތަކުގައި، ދާދިފަހުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރުސީއާއެކު ޕާޓްނާޝިޕެއް ގާއިމްކުރި އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓުބޯޅަ ކުލަބުގެ ކުޅުންތެރިންގެ ފޮޓޯ ވެސް ބޭނުންކުރެވޭނެއެވެ.
ދުނިޔޭގެ 160 އަށްވުރެ ގިނަ ޤައުމަކުން ބައިވެރިވާ މި ޓްރެވަލް ފެއަރ ކުރިޔަށްދާ ދުވަސްވަރު ފެށޭ މި ކެމްޕެއިނުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ޝިޢުރީ އުންމީދު ކުރައްވައެވެ.
މި އައު މާކެޓިންގ ކެމްޕެއިނަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މިފަދަ އައު އަދި އުފެއްދުންތެރި ގޮތްތަކުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަކީ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ދެކެއެވެ.
މި ލިޔުން ކިޔާލުމުން