ލައިސަންސް ނެތި ދުންފަތް ވިއްކުން މަނާކޮށް، ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކުމުގެ ލައިސަންސް ދޫކުރުމަށް މިނިސްޓްރީ އޮފް ހެލްތުނފުރުސަތު ހުޅުވާލައިފިއެވެ. މިއީ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ.
މިނިސްޓްރީން ނެރުނު އިއުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ގަވާއިދުގެ ދަށުން ދޫކުރެވޭ ހުއްދަތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވަކިން އަދި ގަނޑުކޮށް ވިއްކުމުގެ ލައިސަންސްގެ އިތުރުން، އިމްޕޯޓުކުރުމާއި ރިއެކްސްޕޯޓްކުރުމުގެ ލައިސަންސް އަދި ދުންފަތުގެ އާ ބާވަތްތައް ރަޖިސްޓްރީކުރުން ހިމެނެއެވެ. މި ހުއްދަތަކަށް އެދި ހުށަހަޅަންޖެހެނީ ވަންގަވް ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށެވެ.
ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކުމުގެ ހުއްދައަށް 5,000 ރުފިޔާގެ ފީއެއް ނަގާއިރު، އެހެނިހެން ހުއްދަތަކަށް 10,000 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. މި ހުއްދަތައް ދޫކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މުއްދަތު ހަމަވުމުގެ 60 ދުވަސް ކުރިން ހުއްދަ އާކުރަންޖެހޭނެއެވެ.
ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތަކުގެ މުއާމަލާތެއް ހިންގާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެއެވެ. މިގޮތުން ފުރަތަމަ ފަހަރު 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އަދި އޭގެ ފަހުން ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
މި ގަވާއިދަކީ 12 ފެބްރުއަރީ 2025 ގައި ގެޒެޓުކުރެވުނު ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ އަދި ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި ލިޔުން ކިޔާލުމުން