ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓްގެ ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ބަލަން ފަށާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފްލެޓަށް ފޯމު ހުށަހެޅި ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް 4،625 ޝަކުވާ ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ވަގުތީ ލިސްޓްގައި ހިމެނޭ 2،555 އެޕްލިކަންޓުންގެ ޝަކުވާތަކެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މާރިޗު 1 އިން 30 އަށެވެ. ނަމަވެސް ރަމަޟާން މަހުގެ ފަހު 10 ދުވަހާއި އީދު ބަންދާ ގުޅިގެން މި މުއްދަތު އޭޕްރީލް 15 އަށް އިތުރުކުރިއެވެ.
މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ކޮންމެ އެޕްލިކަންޓަކަށްވެސް އެއް ޝަކުވާއަށްވުރެ ގިނަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައިވެއެވެ. މިގޮތުން ޖުމްލަ 5،236 ޝަކުވާ ލިބިފައިވާއިރު، އޭގެ ތެރޭގައި އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާއާއި، 526 ސިޓީ ހިމެނެއެވެ.
މިނިސްޓްރީން ވަނީ އީމެއިލް އަދި ސިޓީ މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން، ހަމައެކަނި ލިސްޓްގައިވާ މީހުންނާ ގުޅިގެން ތިންވަނަ ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް ބަލާނެ ކަމަށް ބަޔާންކޮށްފައެވެ.
މި ލިޔުން ކިޔާލުމުން