ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރަމުންދާ މައްސަލައިގެ އަޑުއެހުންތައް، ފަނޑިޔާރުގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރުނުކޮށް ނިންމާލައިފިއެވެ.
ފަނޑިޔާރު މަހާޒަކީ މިއަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިތުރު ދެ ފަނޑިޔާރުންނާއެކު ސަސްޕެންޑް ކުރެވުނު ފަނޑިޔާރެކެވެ. ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރެވުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީއެވެ.
ޖޭއެސްސީން ދަނީ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރ މަހާޒާ ދެކޮޅަށް ދެ މައްސަލައެއް ބަލަމުންނެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހެއްގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.
ފަނޑިޔާރު މަހާޒް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ޖޭއެސްސީއަށް ހާޒިރުކުރެ ކުރުމުން މަހާޒު ވަނީ އޭނާއާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އަދި މިއަދުވެސް އެ މައްސަލައާ ގުޅިގެން ޖޭއެސްސީއަށް ހާޒިރުކުރެވުނެވެ.
މި މައްސަލައިގައި ސަސްޕެންޑް ކުރެވުނު ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިހާރު އިސްތިއުފާ ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން