ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވުމަށް، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް 'ޖެނެރޭޝަނަލް ބޭން' ގެ ފިޔަވަޅުތައް އެޅުމަށް ކެބިނެޓަށް ހުށަހަޅާ ކަރުދާސް އެކުލަވާލައި ނިންމައިފިކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ސޯޝަލް މީޑިއާގައި ޕޯލެއް ހުޅުވާލައްވާފައެވެ. އެގޮތުން 2000، 2004 އަދި 2007 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު މަނާކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވިއެވެ. ފޭސްބުކް އަދި އެކްސްގައި ބޭއްވި ޕޯލުގައި ގިނަ ބައެއްގެ ތާއީދު ލިބިފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު މަނާކުރުމަށެވެ.
"އެއީ ކެބިނެޓްގައި މަޝްވަރާކޮށްގެން، ކެބިނެޓް ލެވެލްގައި ނިންމަން ޖެހޭ ކަމެއް. ހުރިހާ ވަޒީރުންގެ މަޝްވަރާއާއި ލަފާ ހޯދައިގެން. ކެބިނެޓަށް ހުށަހަޅަން ޖެހޭ ކަރުދާސް މިނިސްޓްރީން އެ ވަނީ އެކުލަވާލާފައި. ކެބިނެޓުން ނިންމުމެއް ނިންމީމައި އެ ކަމެއް އާންމު ކުރާނެ," މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
މީގެ ކުރިން، 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ރައީސް މުއިއްޒު ވަނީ 18-25 އަހަރުގެ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ސަރުކާރުން ވަނީ ވޭޕް މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ފަދަ އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ.
މި ކަރުދާހުގައި ހިމެނޭ ހުށަހެޅުންތަކާމެދު ކެބިނެޓުން ގޮތެއް ނިންމުމަށްފަހު އާންމުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން