ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކުރެވިފައިވާ ފާޓިލިޓީ ސެންޓަރުން އަންނަ މަހު ފުރަތަމަ އެމްބްރިޔޯ ޓްރާންސްފަރ ހެދުމަށް ނިންމާފައިވާ ކަމަށް އައިޖިއެމްއެޗްގެ ސީއީއޯ އަބުދުލް ރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ ފަރޓިލިޓީ ސެންޓަރު ހުޅުވާފައެވެ.
އެތަނުން މިހާރުވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ ދަރިމައިވުމާއި ގުޅޭ އެކި ފަރުވާ ފުރިހަމަކޮށްފައެވެ.
މިދިޔަ މާރޗް މަހު އައިޖީއެމްއެޗުން ވަނީ ފުރަތަމަ އައިވީއެފް ޕްރޮސީޖަރ ހަދާފައެވެ. އެމްއެމްޓީވީ ގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ އެއީ ތާރީޚީ ދުވަހެއް ކަމަށެވެ. އެދުވަހު ވަނީ އައިވީއެފް ހެދުމަށް ސާމްޕަލް ނަގާ ޕޮރޮސީޖަރ ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
'' އަޅުގަނޑުމެން މި ޓާރގެޓް ކުރަނީ ހަނދުބަލާ މެއި މަހު، އަޅުގަނޑުމެންގެ ފުރަތަމަ އެމްބްރިޔޯ ޓްރާންފަރ ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ރާވަފަ މިއޮތީ" އަބުދު ރައްޒާޤް ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ 9 ދެމަފިރިން މިކަމަށް މިހާރު ތަައްޔާރުވެފައިވާ ކަމަށެވެ.
މި ސަރުކާރުން ވަނީ ދަރިމައިވުމުގެ ޚިދުމަތް ސަރުކާރުން ހިލޭ ފޯރުކޮށް ދިނުމަށް ނިންމާފައެވެ. އެގޮތުން މިދިޔަ އަހަރު އާސަންދައިން އެ ފަރުވާ އަށް 100 މީހަކު ވަނީ އެކަމަށް ކަޑައަޅާފައިވާ ޝަރުތުގެ ތެރެއިން ހޮވާފައެވެ.
ދަރިމައިވުމުގެ ފަރުވާއަކީ ރާއްޖެއިން ބޭރުން ބޮޑު ޚަރަދެއްކޮށްގެން ދިވެހިން ހޯދަމުން އަންނަ ފަރުވާއެކެވެ.
މި ލިޔުން ކިޔާލުމުން