މެދުރާއްޖެތެރޭގެ ބައެއް ރަށްތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިވެ. އެކްސްޕޯސްޓެއްގައި އެމްއެންޑީއެފް އިން ބުނީ ބައެއް ރަށްރަށުގައި ފެންބޮޑުވަމުންދާ ކަމަށާއި އެގޮތުން ލ. ފޮނަދޫގައި ފެންބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ހަމަމިއާއެކު ލާމު ގަމުގައިވެސް ފެންބޮޑުވުމުގެ މައްސަލަ ދިމާވެފައިވާތީ، އެ ރަށު ކައުންސިލަށް ވަނީ ގޯނި ހަވާލުކޮށްފައިވާ ވާހަކަ އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން މަޢުލޫމާތު ދޭ ގޮތުގައި މިރޭވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ވަނީ އަންގާފައެވެ.
މެޓް އިން ދިން މަޢުލޫމާތުގައި، "އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމުގެ ފުރުސަތު އެކަށީގެންވާ" ކަމަށާއި، ޚާއްޞަކޮށް މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތްކަމަށް ވަނީ ފާހަގަކޮށްފައެވެ.
މޫސުން ގޯސްވެފައިވާތީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ވަނީ އަންގާފައެވެ.
މި ހާލަތާ ގުޅިގެން މެޓް އިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިރުޝާދު ދެއްވާފައެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ކަމާގުޅޭ އިތުރު އެހީތެރިކަން ބޭނުންވާ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަން ވަނީ އަންގާފައެވެ.
މި ލިޔުން ކިޔާލުމުން