މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އޮފިސަރުންނާއި މުވައްޒަފުން އެއްކުރި ފައިސާއިން، ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ހާލުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިއީ ނިމިދިޔަ ރަމަޟާން މަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޚާއްސަ އެހީގެ ޕްރޮގްރާމެއްގެ ދަށުން ފޯރުކޮށްދިން އެހީތެރިކަމެކެވެ.
އެމްސީއެސްއިން މަޢުލޫމާތު ދެއްވިގޮތުގައި މިއިން ކޮންމެ އާއިލާއަކަށް 2،220 ރުފިޔާގެ މަގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ދަތި އާއިލާތަކަށް ކަރެކްޝަންސް މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެމްސީއެސްއިން އިތުރަށް ހާމަކުރެއްވި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން 40 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވީ ނަމަވެސް، އެހީއަށް އެދި ހުށަހަޅާފައިވަނީ ޖުމްލަ 21 ފަރާތުންނެވެ. އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުޠުތައް ހަމަވެފައިވަނީ ޖުމްލަ 10 އާއިލާއެވެ.
މި އެހީ ލިބުމަށް ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ގެންދާތާ މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުމާއި، 18 އަހަރު ނުފުރޭ ކުދިން ތިބުމާއި، އާމްދަނީ ލިބޭ މިންވަރު ހިމެނެއެވެ.
މި އެހީތެރިކަމަކީ އެމްސީއެސްގެ މުވައްޒަފުން އަމިއްލައަށް އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްގެ ނަތީޖާއެކެވެ.
މި ލިޔުން ކިޔާލުމުން