ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 1446 ވަނަ އަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، "ހެޔޮކަމުން ފުރިގެންވި މި ދުވަހަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާން އައުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކޮށް، އޯގާތެރިކަމާއި ޞަދަޤާތުގެ ރިވެތި ސިފައާއި ގުޅިގެން އިސްލާމް ދީނުގައިވާ އުނގަންނައިދިނުންތަކާ މެދު ވިސްނާނެ ދުވަހަކަށް ވާނެ" ކަމުގެ އުންމީދު ކުރައްވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް އިތުރު ފަހި ފުރުޞަތުތަކާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިޢުމަތް، މާތް الله މިންވަރު ކުރެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.
ފިޠުރު ޢީދަކީ އިސްލާމީ އުންމަތުގެ އެންމެހާ މުސްލިމުން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ފާހަގަކުރާ މުހިންމު މުނާސަބަތެކެވެ. މި މުނާސަބަތުގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވުމަކީ ދިވެހިރާއްޖެއިން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ.
މި ލިޔުން ކިޔާލުމުން