މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހެކިބަސްދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހާމަކޮށްފިއެވެ.
ޑީޖޭއޭ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށްޓަކައި، އަދި ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މާރިޗު 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކާއި، ރަށުކައުންސިލް އަދި އަތޮޅުކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.
މާލޭގައި ހަނދުފެންނަ ފަރާތްތަކުން ހެކިބަސް އަދާކުރަންޖެހޭނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތެރޭގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ކައުންސިލް އިދާރާއާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ހެކިބަސް އަދާކުރެވޭނެއެވެ.
ޑީޖޭއޭ އިން އެދިފައިވަނީ ހަނދުފެނިގެން މަޢުލޫމާތު ދޭއިރު، ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބު އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ހިއްސާކުރުމަށެވެ. އަދި ހެކިބަސް އަދާކުރުމަށް އަންނަ ފަރާތްތަކުގެ ޓެކްސީ ޚަރަދު ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
ހަނދާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މާލޭގައިނަމަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް، އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ ރަށު ކައުންސިލް އިދާރާއަށް ގުޅުމަށް ޑީޖޭއޭ އިން ވަނީ އަންގާފައެވެ.
މި ލިޔުން ކިޔާލުމުން