އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލުން ތިބޭ ސިއްރު ސިގްނަލް ގްރޫޕަކަށް އޮޅިގެން ނޫސްވެރިއަކު ވެއްދުމުގެ ސަބަބުން އަސްކަރިއްޔާގެ ގިނަ ސިއްރުތަކެއް ލީކު ވެއްޖެ އެވެ.
ލީކުވެފައިވާ ގިނަ މައުލޫމާތުތަކަކީ ޔަމަނުގައި ހޫތީންނާ ދެކޮޅަށް އެމެރިކާ ހިންގާ އޮޕަރޭޝަންތަކާ ގުޅޭ ސިއްރު މަޢުލޫމާތުތަކެވެ. މިކަމުގެ ސަބަބުން މިހާރު އެމެރިކާގެ ޤައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ވެއެވެ.
ސިގްނަލް ގްރޫޕަށް އޮޅިގެން ވެއްދިފައިވަނީ ދަ އެޓްލާންޓިކްގެ އެޑިޓަރ އިން ޗީފް ޖެފްރީ ގޯލްޑްބަރގް އެވެ. މިއީ އެމެރިކާގެ އަސްކަރިއްޔާގެ ވަރަށް އިސް އޮފިޝަލުން ބޭނުންކުރާ ސިގްނަލް ގްރޫޕް އެކެވެ. މި ގްރޫޕްގައި ނައިބު ރައީސް ޖޭޑީ ވެންސް، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ފަދަ އިސް ވެރިން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ގްރޫޕްގައި ހިއްސާކުރެވުނު މަޢުލޫމާތު ތަކުގެ ތެރޭގައި ޔަމަނުގައި ހިންގާ އޮޕަރޭޝަނުގެ އަސްކަރީ އަމާޒުތަކާއި، ބޭނުންކުރާ ހަތިޔާރުތަކާއި، ހަމަލާދޭ ވަގުތުގެ ސިއްރު ތަފްސީލުތައް ހިމެނެއެވެ.
އަދި ހަމަލާ ކޯޑިނޭޓްކުރުމާ ބެހޭ ގޮތުން ކުރެވުނު އެތެރޭގެ މަޝްވަރާތަކާއި، އޮޕަރޭޝަނަލް ސްޓްރެޓެޖީތަކާއި، ހަމަލާތަކާއި ގުޅިގެން ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހާމަވެފައިވެއެވެ.
އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ މި ހާދިސާ ކަށަވަރުކޮށްދީފައެވެ. އަދި މިހެން ދިމާވި ސަބަބު ހޯދުމަށް ތަޙްޤީޤެއް ފަށާފައިވާ ކަމަށް ބުނެފައިވެއެވެ. މި ހާދިސާ އާއި ގުޅިގެން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސަލާމަތީ ތަޖުރިބާކާރުންގެ ފާޑުކިޔުންތައް ވަނީ އެމެރިކާގެ ސަރުކާރަށް އަމާޒުވެފައެވެ.
މި ލިޔުން ކިޔާލުމުން