ރަޝިޔާއިން އެމެރިކާގެ ސަރުކާރުގެ ފަރާތްތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ޔޫކްރެއިން އިން ތުހުމަތުކޮށްފިއެވެ.
ޔޫކްރޭންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ މިގޮތަށް ތުހުމަތުކޮށް ވާހަކަ ދައްކާފައި ވަނީ ޓައިމް މެގަޒިންއަށް ދިން އިންޓަވިއުއެއްގައެވެ.
ޒެލެންސްކީ މިފަދައިން ބުނެފައިވަނީ އެގައުމާ ރަޝިޔާގެ މަޝްވަރާތައް އެމެރިކާ މެދުވެރިގެން ކުރިއަށްދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ބައެއް ކަންބޮޑުވުންތައް ގަބޫލުކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.
މީގެ ތެރޭގައި ރަޝިޔާގެ ބޯޑަރުތަކާ ދިމާލަށް ނޭޓޯ ފުޅާވަމުންދާ ކަމަށް ބުނެ ރަޝިޔާއިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި، ޔޫކްރޭން ނޭޓޯގެ މެންބަރަކަށް ވުމާމެދު ރަޝިޔާއިން ދެކޮޅުހަދާ މައްސަލަ ހިމެނެއެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ވައިޓް ހައުސްގެ ޓީމުގެ ބައެއް މީހުންނަށް މަޢުލޫމާތު މެދުވެރިކޮށް ނުފޫޒު ފޯރުވަން ރަޝިޔާއަށް ކާމިޔާބު ކުރެވިފައިވޭ،" ޒެލެންސްކީ ޓައިމް މެގަޒިންއަށް ދިން އިންޓަވިއުގައި ބުނެފައި ވެއެވެ.
ޒެލެންސްކީ އިތުރަށް ބުނި ގޮތުގައި ރަޝިޔާއިން އެމެރިކާގެ އިސްވެރިންނަށް ދޭން މަސައްކަތްކުރާ މެސެޖަކީ ޔޫކްރޭންގެ ރައްޔިތުން ހަނގުރާމަ ނިންމާލަން ބޭނުންނުވާ ކަމަށާއި، އެކަމަށް މަޖުބޫރުކުރުވަން ކޮންމެވެސް ފިޔަވަޅެއް އަޅަންޖެހޭ ކަމަށެވެ.
މި އިންޓަވިއުގައި ޒެލެންސްކީ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާއި ޓްރަމްޕާ ދެމެދު ކުރެވުނު ފޯނު ކޯލްތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ.
އެގޮތުން އެންމެ ފަހުން ކުރެވުނު ފޯނު ކޯލުގައި ޕޫޓިން ޔޫކްރޭންގެ ސިފައިން ރަޝިޔާގެ ކަރސްކް ރީޖަން ވަށާލާފައިވާ ކަމަށް ބުނެފައި ވީނަމަވެސް ޒެލެންސްކީ ވަނީ މި ވާހަކަ ދޮގުކުރައްވާފައެވެ.
ޒެލެންސްކީ ފާޅުކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ރަޝިޔާއިން ދޭ މަޢުލޫމާތުތަކަށް ވައިޓް ހައުސްއިން އިތުބާރުކުރާ މައްސަލައިގެ ކަންބޮޑުވުމެވެ. މިކަމާ ގުޅޭގޮތުން އެމެރިކާ ސަރުކާރުން އަދި އެއްވެސް ކޮމެންޓެއް ކޮށްފައި ނުވެއެވެ.
މި ލިޔުން ކިޔާލުމުން