ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރާއި، ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މިއަދު ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަޤާމުތަކަށް ކުރިމަތިލެވޭނީ މިހާރުވެސް ހައިކޯޓުގައި މަސައްކަތްކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށް އެކަންޏެވެ.
އިސް ފަނޑިޔާރުގެ މަޤާމަށް ހޮވޭ ފަރާތަށް މަހަކު 47,700 ރުފިޔާގެ އަސާސީ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ފަނޑިޔާރުގެ މަޤާމަށް ހޮވޭ ފަރާތަށް 45,700 ރުފިޔާގެ އަސާސީ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، ދެ މަޤާމަށްވެސް 18,000 ރުފިޔާގެ ލިވިން އެލަވަންސްއަކާއި 3,300 ރުފިޔާގެ ރިސްކު އެލަވަންސްއެއް ލިބިވަޑައިގަންނަވާނެއެވެ.
ޖޭއެސްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އިސް ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މާރޗް 29 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅަންވާނެއެވެ. އަދި ފަނޑިޔާރުގެ މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން 10 އޭޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައި މިވަނީ ކުރީގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
މި ލިޔުން ކިޔާލުމުން