އެމްޓީސީސީގެ "ހުނަވަރު ސޭލްސް ޓްރޭނީ ޕުރޮގުރާމު 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެމްޓީސީސީން ހާމަކުރާ ގޮތުގައި ހުނަވަރު ޕުރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ، އަހުލުވެރި ދިވެހީން ބިނާކުރުމަށްޓަކައި އެމްޓީސީސީން ކުރިއަށްގެންދާ ޕުރޮގުރާމެއް ކަމަށާއި، އެ ކުންފުނީގެ އަމާޒަކީ މި ފަހަރު މި ހުޅުވާލި ޕުރޮގުރާމުގެ ތެރެއިން "ހުނަވަރު ސޭލްސް ޓްރޭނީ" މަޤާމުގައި 10 ފަންނުވެރިން ތަމްރީން ކުރުން ކަމަށެވެ.
އެމްޓީސީސީން ބުނީ މި ޕުރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ އެމްޓީސީސީގެ ޓްރޭޑިން ޑިވިޜަނަށް ބޭނުންވާ ސޭލްސް މުވައްޒަފުން ތަމްރީން ކުރުން ކަމަށެވެ. މި ތަމްރީނުތަކުގައި އުނގަންނައިދިނުމަށް ހަމަޖެހިފައިވަނީ މުދާ ވިއްކުމާއި، ކަސްޓަމަރުންނާ މުޢާމަލާތް ކުރުމުގެ ހުނަރެވެ. މީގެ އިތުރުން، އެމްޓީސީސީގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ޢަމަލީ ތަޖުރިބާ ހޯދައިދެވޭނެ އެވެ.
އެމްޓީސީސީން ބުނީ މި ޕުރޮގުރާމު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށާއި، މި މުއްދަތުގެ ތެރޭގައި ތަމްރީނުވުމަށްފަހު އިވެލުއޭޝަނުން ފާސްވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ލިބޭނެ ކަމަށެވެ.
މި ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު 17 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހި ކޮންމެ ރައްޔިތަކަށް ވަނީ ހުޅުވާލައިފައެވެ. މި ޕުރޮގުރާމަށް ކުރިމަތިލާ މީހުންނަކީ ދަށް ވެގެން ޖީސީއީ އޯލެވެލް އިން ތިން ފާސް ހާސިލުކޮށްފައިވާ، ފީލްޑް ސޭލްސް ހަރަކާތްތަކާއި ފީލްޑް ވިޒިޓްތަކަށް ދިއުމަށް ޖިސްމާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބި ބަޔަކަށް ވާންވާނެ ކަމަށާއި، މެރިން އިންޑަސްޓްރީގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިތުރު އިސްކަމެއް ދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަދި މި ޕުރޮގުރާމަށް ހޮވޭ ބައިވެރިންނަށް 5،000ރ. ގެ އެޕްރެންޓިސްޝިޕް އެލަވަންސެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕުރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މި ޕުރޮގުރާމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މިފަދަ ފުރުޞަތުތައް ދިވެހި ރައްޔިތުންނަށް ގިނަގިނައިން ފަހިކޮށްދީ، ވީހާވެސް ގިނަ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަންނެރުން ކަމަށެވެ. އަދި މަސައްކަތުގެ މައިދާނުގައި ބޭނުންވާ މިފަދަ ފަންނާއި ހުނަރުތައް ކުރިއަރުވައި ތަރައްޤީ ކުރުމަކީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކި، މިފަދަ ފުރުޞަތުތައް ދިވެހި މުޖުތަމަޢަށް ފަހިކޮށްދިނުމުގައި ރާއްޖޭގެ އެންމެ އިސް ސަފުގައި ދެމިއޮންނާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން