މިއަހަރުގެ މިހާތަނަށް ހަތް ރަށަކަށް ރާއްޖެއިން ބޭރުގެ ޤާރީން ވަނީ ފޮނުވިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އއ. މާޅޮހުގައި މިސްކިތެއް ތަރައްޤީކުރުމަށް އާރްޑީސީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކީރިތި ޤުރުއާން ކިޔަވައިދޭނެ މުދައްރިސުން ނެތް 7 ރަށަކަށް މިއަހަރު ރާއްޖެއިން ބޭރުން މުދައްރިސުން ގެނެސްފައިވާ ކަމަށެވެ. އަދި މުސްލިމު މުޖުތަމަޢެއްގައި ކީރިތި ޤުރުއާން ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންޖެހޭނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިފަދައިން މުދައްރިސުން ނެތް 7 ރަށަކަށް މިއަހަރުގެ މިހާތަނަށް ކީރިތި ޤުރުއާން ކިޔަވައިދިނުމަށް މުދައްރިސުން ހަމަޖައްސަވައިދެއްވާފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުން މިހާރު މިސްކިތްތައް ތަރައްޤީކުރަނީ އެތަންތަނަކީ އެރަށެއްގައި އިސްލާމީ ޢިލްމު ފެތުރުމަށާއި ކީރިތި ޤުރުއާން ކިޔެވޭނެ ގޮތަކަށް މިސްކިތްތައް ފަރުމާކޮށްގެންކަމަށެވެ. އަދި ބައެއް ރަށްރަށުން ކީރިތި ޤުރުއާނުގެ ޢިލްމު އުނގަންނައިދެވޭނެ ގޮތެއް ނެތްކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށް ވިދާޅުވިއެވެ.
މާޅޮހުގައި އަޅާ 500 މީހުންގެ ޖާގައިގެ މިސްކިތުގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކްލާސްރޫމަކާއި ކުޑަ ލައިބްރަރީއެއް ހިމެނޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ މިސްކިތްތަކުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތައް ހިންގޭނެ އިންތިޒާމު ހަމަޖެހިގެންދިޔުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން