ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މައްސަލަ ބޮޑުވި ޕެނެލްޓީ ޝޫޓް އައުޓްގައި އެތްލެޓިކޯ ބަލިކޮށް ރެއާލް މެޑްރިޑް ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާ އަކުން އެތްލެޓިކޯ ވަނީ ބަލިވެފައި އެވެ.ރޭގެ މެޗު އެތްލެޓިކޯ އިން ފެށީ ވެސް ގޯލް އަކާއި އެކު އެވެ.މެޗުގެ ފަށައިގެން 30 ވަނަ ސިކުންތުގައި ރޮޑްރީގޯ ޑި ޕޯލް ތަނަވަސް ކޮށްދިން ރީތި ފުރުސަތެއްގައި މި ގޯލު ކާމިޔާބު ކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު ކޮނާ ގަލެގާ އެވެ.މި އީ މެޑްރިޑް ޑާބީ އެއްގައި އިނގިރޭސި ކުޅުންތެރިޔަކު ގޯލް ޖެހި ފުރަތަމަ ފަހަރެއެވެ.
ފުރަތަމަ ހާފުގައި އިތުރު ގޯލް އެއް ނުފެނުނު ނަމަވެސް ދެ ޓީމަށް ވެސް ލަނޑު ޖަަހާނެ ފުރުސަތު ވަނީ ލިބިފައެވެ.މި ގޮތުން އެތްލެޓިކޯގެ އާޖެންޓީނާ ފޯވާޑް ހޫލިއަން އަލްވަރޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ފާހަނގަ ކޮށްލެވެއެވެ.ދެވަަނަ ހާފްގެ 70 ވަަނަ މިނިޓުގައި ނަތީޖާ ހަމަ ހަމަ ކުރަން ރެއާލް މެޑްރިޑަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ.އެތްލެޓިކޯގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފަ އޭރިޔާ ތެރެޔަށް ބޯޅަ ހިފައިގެން ކިލިއަން އެމްބާޕޭ ވަންނަނިކޮށް އެތްލެޓިކޯގެ ކްލެމެންޓް ލެންގްލެޓް ފައުލް ކޮށް ވައްޓާލުމުން ރެފްރީ ވަނީ ރެއާލް މެޑްރިޑަށް ޕެނެލްޓީ އެއް ދީފައެވެ.ނަމަވެސް ވިނިޝިޔަސް ޖޫނިޔަރ ފޮނުވާލި ޕެނެލްޓީ ދިޔައީ މާ މަތިން ބޭރަށެއެވެ.
އެތްލެޓިކޯގެ ރިޔާދު އެއަރ މެޓްރަޕޮލިޓާނޯގައި ކުޅުނު މެޗުގެ ފުރުހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ގެ ދެ ހާފްގައި ވެސް އިތުރު ގޯލެއް ނުފެނި 2-2 ގެ އެގްރިގެޓް ނަތީޖާ އިން ދެ ޓީމު އެއްވަރު ވުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެއެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ރެއާލް އިން ޖެހި 4 ޕެނެލްޓީގެ ތެރެއިން 3 ޕެނެލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ.ނާކާމިޔާބު ވީ ލޫކަސް ވަސްކޭޒް ޖެހި ޕެނެލްޓީ އެވެ.އެތްލެޓިކޯ އަށް ކާމިޔާބު ކުރެވުނީ 4 ޕެނެލްޓީގެ ތެރެއިން 3 ޕެނެލްޓީ އެވެ.ހޫލިއަން އަލްވަރޭޒް ޖެހި ދެވަނަ ޕެނެލްޓީ ރެފްރީ ވަނީ ވީ.އޭ.އާރު ޓީމުގެ އިރުޝާދާއި އެކު ގޯލެއް ނޫން ކަމަށް ނިންމާފައެވެ.އެ އީ ޕެނެލްޓީ ޖެހި ވަގުތު އަލްވަރޭޒް ކަހާލައިގެން ވެއްޓި ބޯޅައިގައި ދެ ފަހަރަށް ފައިން ޖެހުނު ކަމަށް ބަލާފައެވެ.އެތްލެޓިކޯގެ ހަމަ އެކަނި ޕެނެލްޓީ ސޮލާތް ކާމިޔާބު ކޮށްދިން އިރު މާކޮސް ލޮރަންޓޭގެ ޕެނެލްޓީ އަމާޒުވީ ހުރަސް ދަނޑި އަށެއެވެ.
މެޗަށް ފަހު ނޫސްވެރިންގެ ބައްދަލު ވުމުގައި އެތްލެޓިކޯގެ ކޯޗު ވަނީ ރެފްރީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.މި ގޮތުން އަލްވަރޭޒް ގެ ފައި ދެފަހަރަށް ބޯޅައިގަ ޖެހުނު ތަން ފެނުނު ނޫސްވެރިއެއް ހުރި ނަމަ އަތް އުފުލުމަށް ސިމިއޯނީ ބުންޏެއެވެ.
''މީގެ ކުރިން ޕެނަލްޓީ ގައި ވީއޭއާރު ބެލި ތަން އަހަރެން ނުދެކެން، މިތާނގަ ހޫލިއަން ގެ ފައި ދެ ފަހަރު ބޯޅައިގަ ޖެހުނު ތަން ފެނުނު މީހަކު އެބަހުރިތަ، އަހަންނަކަށް ހިޔެއް ނުވޭ އެއްވެސް މީހަކަށް އެ މަންޒަރު ފެންނާނެހެން'' މެޗަށް ފަހު ސިމިއޯނީ ބުންޏެއެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލްގައި ރެއާލް މެޑްރިޑް ނުކުންނާނީ އާސެނަލް އާއި ދެކޮޅަށެއެވެ.
މި ލިޔުން ކިޔާލުމުން