ރާއްޖޭގެ ހަތް ސިޔާސީ ޕާޓީއަކުން އަންހެނުން ބާރުވެރިކޮށް، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ، ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީން އިސްނަގައިގެން އެކުލަވާލި "އެންޝުއާ ސޭފްޓީ އެންޑް އީކްއަލް އޮޕޮޗުނިޓީސް ފޯ ވިމެން އިން ޕޮލިޓިކްސް" މި ކްރޮސް ޕާޓީ އެއްބަސްވުމުގައި ސޮއިކުރި ޕާޓީތަކުގެ ތެރޭގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، އަދާލަތު ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ)، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަދި ދަ ޑެމޮކްރެޓްސް ހިމެނެއެވެ.
މިއީ އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވި ފުރަތަމަ ފަހަރެވެ. ވެސްޓްމިންސްޓާ ފައުންޑޭޝަނުން ފާހަގަކުރި ގޮތުގައި މި އެއްބަސްވުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މުހިންމު އެއްބަސްވުމެކެވެ.
ވެސްޓްމިންސްޓާ ފައުންޑޭޝަނުން ބުނެފައިވަނީ "އަޅުގަނޑުމެންގެ އަމާޒަކީ މި އެއްބަސްވުމުގެ ޒަރީއާއިން ސިޔާސީ މަޝްރަހުގައި އަންހެނުންނަށް ޒަމާނުއްސުރެ ކުރިމަތިވަމުން އައިސްފައިވާ ހުރަސްތައް މަދުކޮށް، ފާހަގަކުރެވޭފަދަ އިސްލާހީ ބަދަލުތަކެއް ގެނައުން" ކަމަށެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ގައުމީ ފެންވަރުގެ ނިންމުންތައް ނިންމުމުގައި އަންހެނުންނަށް ބަސްބުނުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގައި ހަރުދަނާ އަދި ޝާމިލު ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރުމަށް މަގުފަހިކޮށް ދިނުމެވެ.
މި ލިޔުން ކިޔާލުމުން