ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، އައު ޓާމިނަލް ހުޅުވުމާއެކު ޓެކްސީ ކިއުއަށް އަންނާނެ ބަދަލުތަކާއި، ޓެކްސީ އަދި ހަތަރު ފުރޮޅުލީ އުޅަނދުތައް ދަތުރުކުރާނެ މަގުތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އުޅަނދުތައް ޕާކުކުރުމަށް އެމްއޭސީއެލްއިން ހަމަޖައްސާނެ ސަރަޙައްދުތަކާއި، އެއަރޕޯޓު ސަރަޙައްދުގައި ބަހައްޓާ "ރައުންޑް އެބައުޓް" ބޭނުންކުރާނެ ގޮތްތަކާ ގުޅޭ މަޢުލޫމާތުވެސް ހިއްސާކުރެވުނެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ، މި ބަދަލުތަކަކީ އައު ޓާމިނަލްގެ ހިދުމަތް ފެށުމާއެކު އެއަރޕޯޓުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށް މަގުފަހިކުރުމަށް ގެނެވޭ ބަދަލުތަކެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒޔ، މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވީއައިއޭގެ އައު ޓަރމިނަލް މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ހުޅުވޭނެކަން އިޢުލާންކުރައްވާފައެވެ.
ވީއައިއޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. ނަމަވެސް 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލް ހުޅުވުމުން އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ.
މި ލިޔުން ކިޔާލުމުން