އިންޑިއާ ކޯސްޓް ގާޑާއި ޑައިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) އިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ރާއްޖެއަށް ދަތުރުކުރަމުންދިޔަ އުޅަނދަކުން 33 ކްރޯރު ރުފިޔާ (58 މިލިއަން ދިވެހި ރުފިޔާގެ) ގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ 5 މާރިޗްގައި ޑީއާރްއައި އިން ދިން އިންޓެލިޖެންސް މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ. މި މައުލޫމާތުގައި ބުނެފައިވަނީ ތަމިލްނާޑޫގެ ޓުޓިކޯރިން އިން މާލެއަށް ދަތުރުކުރަމުންދާ ޓަގު ބޯޓަކާއި އެ ބޯޓުން ދަމަމުންދާ ބާޖެއްގައި މަސްތުވާތަކެތި އުފުލަމުންދާ ކަމަށެވެ. މި މައުލޫމާތާ ގުޅިގެން ކޯސްޓް ގާޑުން ވަނީ ދެ އުޅަނދެއް އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި ގަލްފް އޮފް މަންނާރުގެ ދެކުނުން އެ އުޅަނދު ހުއްޓުވާފައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އުޅަނދު ހުއްޓުވުމަށްފަހު އޭގެ ފަޅުވެރިން ހައްޔަރުކޮށް، އުޅަނދު އިތުރަށް ބަލާ ފާސްކުރުމަށް ޓުޓިކޯރިން ބަނދަރަށް ގެންދިއުމަށް ޑީއާރްއައި އިން ވަނީ އެދިފައެވެ. އަދި ކޯސްޓް ގާޑުގެ އުޅަނދުތަކުން މި އުޅަނދު 40 ގަޑިއިރު ވަންދެން ކަނޑުމަތީގައި ބެލެހެއްޓުމަށްފަހު 7 މާރޗް 2025 ގައި ޓުޓިކޯރިން ބަނދަރަށް ވަނީ ވައްދާފައެވެ.
"7 މާރޗް 2025 ގެ 11:30 ގައި މި އުޅަނދާއި އޭގެ 9 ފަޅުވެރިން ޑީއާރްއައި އާ ހަވާލުކުރެވުނެވެ. އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ ބަރުދަނުގައި 30 ކިލޯހުރި ހަޝީޝް އޮއިލްކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި ބައިނަލްއަޤްވާމީ މާކެޓްގައި އޭގެ އަގަކީ 33 ކްރޯރު ރުފިޔާ (58 މިލިއަން ދިވެހި ރުފިޔާ) ކަމަށް ލަފާކުރެވެއެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން