މާލޭގައި އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކޮތަރުތައް މަރުވަމުންދާކަން ފާހަގަކުރެވިގެން ބެލި ބެލުމުން އެނގުނީ، ކޮތަރު ތަކަށް ޖެހިފައިވާ ބައްޔަކީ ކޮތަރުގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ އިންފެކްޝަސް ކޮރައިޒާ ކަމަށް ދެނެގަނެވިފައިވާ ކަމަށް ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެބައްޔަކީ އާއްމުކޮށް ދޫނިތަކުގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށެވެ. މި ބައްޔަކީ އޭގެ ސަބަބުން އިންސާނުންނަށް އޭގެ ސަބަބުން އެއްވެސް ނުރައްކަލެއްގެ ކުރިމަތިކުރުވާނެ ބައެއްޔެ ނޫން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިކަން ދެނެގަނެވިފައިވަނީ ބަލި ޖެހުނުގޮތް ބެލުމަށްފަހު ހޯދި ހޯދުންތަކުންނާއި ހެދި ލެބޯޓްރީ ޓެސްޓްތަކުގެ މައްޗަށްށެވެ. ތަހްލީލްތަކުން އެނގުނު ގޮތުގައި މި ކޮތަރުތަކަށް ކޮކްސިޑިއޯސިސް، ކެންޑިޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައް ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެއެވެ. ދޫންޏަށް ޖެހިފައިވާ ބަލީގެ އިތުރުން ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންތައް ޖެހުމުގެ ސަބަބުން ބަލި ބޮޑުވެ ދޫނިތައް މަރުވާކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާ ބައްޔެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިއީ އެވިބެކްޓީރިއަމް ޕެރެގެލިނޭރަމް ނަމަކަށް ކިޔާ ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބަލިން އިންސާނުންނަށް ގެއްލުން ނުވި ނަމަވެސް މިނިސްޓްރީން ބުނީ ރައްކާތެރިގޮތަކީ ކުޑަކުދިން މަރުވެފައިވާ ކޮތަރު، ނުވަތަ ބަލިޖެހިފައިވާ ކޮތަރާއި ކައިރި ނުވުމަށެވެ.
މި ލިޔުން ކިޔާލުމުން