އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްރެއިންގެ ރައީސް ޒެލެންސްކީ ގެ މެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހު ޒެލެންސްކީ ވައިޓް ހައުސް އިން ބޭރު ކޮށްފިއެވެ.
ޔުކްރެއިން އިން އަގުބޮޑު މައުދަން ގަތުމުގެ އެއްބަސްވުމަކާއި އަދި ހަނގުރާމައިގެ ކުރިމަގާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް އާއި އެމެރިކާގެ ނައިބް ރައީސް ޖޭ.ޑީ ވޭންސް ވަނީ ވަރަށް ހުތުރު ބަހުން ޒެލެންސްކީ އާއި މުހާތަބު ކޮށް ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ނުދީ އެތައް ނޫސްވެރިންތަކެއްގެ ހާޒިރުގައި ޒެލެންސްކީ ލަދު ގަންނަވާލާފައެވެ.
ވެރިކަމަށް އިންތިހާބު ވުމަށް ފަހު ފުރަތަމަ ފަަހަރަށް ވައިޓް ހައުސް ގައި ޒެލެންސްކީ އާއި ބައްދަލު ކުރުމަށް ފަހު ޓްރަމްޕް ވަނީ މި ވަގުތު 'ކާލާ މަންނަ'' އޮތީ ޓްރަމްޕް އަތުގައި ކަމަށް ބުނެ އެތައް ސަތޭކަ ބައެއްގެ މަރުގެ ޒިންމާވެސް ޒެލެންސްކީ ބޮލުގައި އަޅުވާފައެވެ.އާންމު ކޮށް ހެދުން އަޅާ އިރު ހަނގުރާމަވެރި ކާކީ ކުލަ ހިޔާރު ކުރައްވާ ޒެލެންސްކީ ކަޅު ކުލައިގެ ހެދުމެއް ލައިގެން ބައްދަލުވުމަށް އައުމުން އެ ކަމަށް ވެސް ފާޑު ކިޔަމުން ޓްރަމްޕް ވަނީ މާ ރީތި ގޮތަކަށް ހެދުން އަޅައިގެން އައީ ކީއްވެތޯ ވެސް ސުވާލު ކޮށްފައެވެ.މީގެ އިތުރުން ޒެލެންސްކީގެ އަމަލު ތަކުގެ ސަބަބުން މުޅި ދުނިޔެ އޮތީ ތިން ވަނަ ބޮޑު ހަނގުރާމައިގެ ތުންފަތް މަތީ ކަމަށް ވެސް ޓްރަމްޕް ބުނެފައިވެއެވެ.
''އަހަރެމެންގެ ހުށަހެޅުމަށް ޖެހޭނީ އެއްބަސް ވާން ނޫނީ މި ހިސާބުން އަހަރެމެންގެ އެއްވެސް އެހީތެރި ކަމެއް ނުލިބޭނެ" ފަހުގެ ތާރީހެއްގައި ދޭދޭ ގައުމުތަކުގެ މެދުގައި ބޭއްވުނު ހާރިޖީ ބައްދަލުވުން ތަކުން ނުފެންނަ ފަދަ ލަދުވެތި މަންޒަރުތަކެއް ފެނުނު ބައްދަލުވުމުގައި ނޫސްވެރިންގެ ހާޒިރުގައި ޓްރަމްޕް ބުންޏެއެވެ.ޓްރަމްޕްގެ ހުށަހެޅުމަކީ ޔުކްރެއިންގެ އަގުބޮޑު މައުދަން، ހަނގުރާމަ އަށް އެމެރިކާ އިން ކުރި ހަރަދު ތަކުގެ ބަދަލުގެ ގޮތުގައި އެމެރިކާ އަށް ހޯދުން ކަމަށް ބެލެވެއެވެ.
އެމެރިކާގެ ނައިބް ރައީސް ޖޭ.ޑީ ވޭންސް ވެސް ވަނީ ޒެލެންސްކީގެ ހާޒިރުގައި ވަރަށް ބޮޑަށް އޭނާ އަށް ފާޑު ކިޔާފައެވެ.މި ގޮތުން އެމެރިކާ އަށް ދުވަހަކުވެސް ޒެލެންސްކީ ޝުކުރު އަދާ ނުކުރާ ކަމަށާއި އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭ ޒެލެންސްކީ ކުރީގެ ނައީބް ރައީސް ކަމަލާ ހެރިސްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކާފައި ވާތީ އެކަމަށްވެސް ފާޑު ކިޔާފައިވެއެވެ.ވޭންސް ދެއްކި ވާހަކަ ތަކަށް ރައްދު ދޭން ޒެލެންސްކީ ކުރި މަސައްކަތް ހުއްޓުވާ ޓްރަމްޕް ވަނީ އޭނާ ލައްކަ ގިނަ ވާހަކަ ދައްކައިފި ކަމަށް ބުނެ، އިތުރު ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ ވަރަށް ހަރު އަޑުން ޒެލެންސްކީ އާއި މުހާތަބު ކޮށްފައެވެ.
ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ހިނގި ދެބަސް ވުމަށް ފަހު ޓްރަމްޕް ވަނީ ދެ ގައުމުގެ ވެރިން ބާއްވަން ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކޮށް ޒެލެންސްކީ ވައިޓް ހައުސް އިން ނެރެލާފައެވެ.ޒެލެންސްކީ ވައިޓް ހައުސް ދޫކޮށް ދިޔަ ފަހުން ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމް ''ޓްރޫތް'' މެދު ވެރިކޮށް ޒެލެންސްކީ އެމެރިކާ އާއި އެ ގައުމުގެ ރައްޔިތުންނަށް އިހްތިރާމް ކުޑަ ކޮށްފި ކަމަށް ބުނެ، އޭނާ އަށް ވައިޓް ހައުސް އިން ދެން މަރުހަބާ ކިޔާނީ ސުލްހަ ހިޔާރު ކޮށް އެމެރިކާގެ އެއްބަސްވުމަށް ދީލާލުމުން ކަމަށް ބުނެފައެެވެ.
ލަދުވެތި ގޮތަކަށް ޒެލެންސްކީ ވައިޓް ހައުސް އިން ބޭރު ކޮށްލި ކޮށްލުން ދުނިޔޭގެ ގައުމު ތަކުގެ ވެރިން ދަނީ ކުއްވެރި ކޮށް ޒެލެންސްކީ އަށް ހިތްވަރުގެ މެސެޖް ފޮނުވަމުންނެއެވެ.މީގެ ތެރޭގައި ޔޫރަޕް ގައުމު ތަކުގެ ވެރިންނާއި ކެނެޑާގެ ބޮޑުވަޒީރު ވެސް ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން