އަދިވެސް ހުންނެވީ މި ސަރުކާރާއެކު، ޚާއްސަކޮށް އައްޑޫ ސިޓީއަށް ތަރައްޤީ ހޯދައި ދިނުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙަށް ތާއީދުނުކުރީ އެ އިޞްލާޙަކީ ޤާނޫނުއަސާސީއާ ޚިލާފު އިޞްލާހެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަޙްމަދު އަޒާން މަރުޒޫޤް ވިދާޅުވެއްޖެއެވެ.
އަޒާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ދެއްވި ޔަޤީންކަމަކީ، ދާއިރާގެ ރައްޔިތުންގެ މަސްލަހަތު އަދި ޤައުމުގެ މަސްލަހަތު އިސްކުރާނެކަމުގެ ޔަޤީންކަމާއި، ރައްޔިތުންނާއި ޤައުމީ މަސްލަހަތަށްވުރެ އިސްކުރަންޖެހޭ މަސްލަހަތެއް ނޯންނާނެކަމުގެ ޔަޤީންކަން ކަމަށެވެ.
އަޒާން ވިދާޅުވީ ކޯޓުތަކާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭ ގޮތަށް މަޖިލީހަށް ހުށަހެޅި އިޞްލާޙަށް ތާއީދު ނުކުރަން ނިންމެވީ އޭނާ އިންތިޚާބުކުރި ރައްޔިތުންނާއި، ރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ދައުލަތުގެ ވަކީލުންނާއި، ޕްރައިވެޓް ޕްރެކްޓިސްގައި މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންނާއި، ކުރީގެ ފަނޑިޔާރުން އަދި ޝަރުޢީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި ފަރާތްތަކާއި، މިހާރުވެސް ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، މި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި، ދިވެހި ޤައުމަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުން ދެއްވި މަޝްވަރާއާ އެއްގޮތަށް ކަމަށެވެ.
އަދި މި ބިލަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު ބިލަކަށް ވާތީ، އެފަދަ ބިލަކަށް ތާއީދުކުރުމަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.
މީގެ އިތުރުން އަޒާން ވިދާޅުވީ ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ހުރިނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް އެ މައްސަލަ ބަލައި، އެފަދަ މައްސަލައެއް ސާބިތުވާނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކިކުރެވިދާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތްވައި އެ މަގު އިޚްތިޔާރު ނުކޮށް، ކޯޓުތަކާ ބެހޭ ޤާނޫނަށް އިޞްލާޙު ހުށަހަޅައި ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރަން މަޖިލީހުން ނިންމުމަކީ ޤާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި، އަމުދުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރެއް މަޤާމުން ވަކިކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ޤަބޫލުނުކުރެވޭ ކަމަށް އަޒާން ވިދާޅުވިއެވެ.
"އެއީ ހުޅުވާލެވިފައިވާ މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުސޫލުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކާ ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކުރެވިގެންދާ ކަމެއް ކަމަށްވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ"، އަޒާން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އަޒާން ވިދާޅުވީ އަދިވެސް ހުންނެވީ ސަރުކާރަށް ތާއީދުކުރާ މެންބަރެއްގެ ގޮތުގައި އައްޑޫއަށް ތަރައްޤީ ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް، ސަރުކާރުން އައްޑޫއަށް ވެފައިވާ ވައުދުތައް ނުފުއްދޭނަމަ ނުވަތަ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ނުކުރެވޭނަމަ ނުވަތަ ލަސްވާނަމަ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.
"ފަސް އަހަރު ދުވަހަށް ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އެ ރައްޔިތުންނަށް އަޅުގަނޑު ވައުދުވީ ގޮތަށް އަދާނުކޮށް އަނެއްކާވެސް ރައްޔިތުން ގާތަށް ވޯޓު ހޯދަން ދާ މީހަކަށް އަޅުގަނޑު ނުވާނަން"، އަޒާން ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން