ފަނޑިޔާރުންގެ އަދަދު މަދުކުރަން ކުރާ މަސައްކަތަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށް އެމްޑިޕީގެ ޗެއަރޕަރސަން، އަލްއުސްތާޛް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޟް ވިދާޅުވީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ 2019 އަދި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު ބަދަލު ކަމަށާއި، ފަނޑިޔާރުންގެ އަދަދު މަދުކުރަން ކުރާ މަސައްކަތަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށެވެ.
"ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދެން. މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާއަށް ތެދުވުމަށް ގޮވާލަން."
މީގެ އިތުރުން ފައްޔާޟް ވިދާޅުވީ މިއީ ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަންކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއް ކަމަށެވެ.
ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ 2019 އަދި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު ބަދަލު. ފަނޑިޔާރުންގެ އަދަދު މަދުކުރަން އެ ކުރާ މަސައްކަތަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް. ސަރުކާރުގެ މި ފިނޑި އަދި ހުތުރު… https://t.co/TKReVilC6I
— Fayyaz Ismail (@faya_i) February 23, 2025
އަދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމާ އެކު އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު މިހާރު އެ މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދު ކުރުމަށް ކަމަށާއި، މި ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށް ކަމަށްވެސް ފައްޔާޟް ވިދާޅުވެފައިވެއެވެ.
ފައްޔާޟް މިހެން ވިދާޅުވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އުއްތަމަފަނޑިޔާރާއެކު ޖުމުލަ ފަސް މެންބަރުން ތިބޭ ގޮތަށް ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ. މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ.
މި ބިލުގައިވާ ގޮތުން ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލު ނޫން ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޤަބޫލުކުރެވިގެން، މަޖިލީހަށް ހުށަހަޅައިގެން، މަޖިލީހުގައި ނަގާ ވޯޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް ބިލެއް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮސް ޤާނޫނުއަސަސާސީ އަށް މިދިޔަ ނޮވެންބަރު މަހުގެ ގެނައި އިޞްލާޙުތައް ބާޠިލުކުރުމަށް އެ ކޯޓަށް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނާއި، ފަނޑިޔާރު ހުސްނުއްސުޢޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޢަލީ ރަޝީދެވެ.
މި ލިޔުން ކިޔާލުމުން